ކުރިއަށް ވުރެ ގިނަ ވިޔަފާރި އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން ފަށަން ފަށާފައިވާ ކަމަށް އުޅަނދުފަހަރު ޓްރެކްކުރާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަފުތާތަކެއް ވަންދެން ދަތުރުފަތުރު މެދުކެނޑިފައި އޮތުމަށް ފަހު، ހާލަތަށް ކުޑަ ލުޔެއް ލިބެމުންދާކަމުގެ ނިޝާނެކެވެ.
މެރިޓައިމް އިންޓެލިޖެންސް ފާމެއް ކަމަށްވާ 'ވިންޑްވާޑް' އިން ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު އެ ކަނޑުއޮޅިން އީރާނަށް ނިސްބަތްނުވާ އަށް އުޅަނދެއް ފެނިފައިވެ އެވެ. މިއީ ފަހަކަށް އައިސް ފެނުނު އަދަދަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
'މެރިން ޓްރެފިކް' އިން ރިކޯޑުކޮށްފައިވާ ގޮތުގައި، ދެ ދުވަހުގެ ތެރޭގައި ނުވަ އުޅަނދެއް ދަތުރުކޮށްފައިވެ އެވެ. މީގެ ކުރިން މި އަދަދު އުޅުނީ ފަހެއްގަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ބަދަލުން ދޭހަވަނީ އީރާނާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ އުޅަނދުފަހަރަށް ހުއްދަ ހޯދައިގެން ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދެމުން އަންނަ ކަމެވެ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ އުޅަނދުފަހަރު ހިމެނެ އެވެ.
"ހުޅަނގުގެ ގައުމުތަކާ ގުޅުންހުރި އުޅަނދުފަހަރު އަމިއްލައަށް އިސްނަގައިގެން އީރާނުގެ ކަނޑުގެ ސަރަހައްދަށް ނުވަންނާނެ. އެކަމަކު ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ އުޅަނދުފަހަރު ވަނުމުގެ ފުރުސަތު ބޮޑު،" އެނަލިސްޓް މިޝޭލް ވީސް ބޮކްމަން ވިދާޅުވި އެވެ.
ދަތުރުފަތުރު ކުޑަކޮށް އިތުރުވި ނަމަވެސް، ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ މި ކަނޑުއޮޅީގެ ޖުމްލަ ދަތުރުފަތުރު، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ވަނީ %95އަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ.
އީރާނުން ވަނީ ކަނޑުއޮޅި ބޭނުންކުރުމާ މެދު ޝަރުތުތަކެއް ކަނޑައަޅާފަ އެވެ. ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ކަނޑުއޮޅި އޮތީ "ހުޅުވިފައި، އެކަމަކު އަހަރެމެންގެ ދުޝްމަނުންނަށް ބަންދުވެފައި" ކަމަށެވެ. މީގެ ކުރިން އީރާނުން ވަނީ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން %40ގެ އިތުރުވުމެކެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވޮޝިންޓަނަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވާން ދެކޮޅުހެދި ބައިވެރި ގައުމުތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ އެ ގައުމުތަކުން އެމެރިކާއަށް އެހީވާން ބޭނުންނުވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުރި ނުރައްކާތަކަށް ރިއާޔަތްކޮށް، ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ މިސައިލް ސައިޓުތަކަށް އެމެރިކާއިން ވަނީ ހަމަލާތަކެއް ދީފަ އެވެ.
އީރާނުން ހޮރްމޫޒް ކަނޑުއޮޅިން އިތުރު އުޅަނދުފަހަރު ދަތުރުކުރުމުގެ ހުއްދަ ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ