50 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މަޝްރޫގެ ޖަނެރޭޓަރުތައް ހުޅުމާލެއަށް

ޗައިނާގެ ކުންފުންޏަކާއެކު ރާއްޖޭގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯ އިން ފެށި 50 މެގަ ވޮޓުގެ ކަރަންޓު މަޝްރޫއުގައި ހިމެނޭ ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައިފި އެވެ.
ސްޓެލްކޯގެ އިންޖީނިއަރު އަބްދުއް ރައޫފް ވިދާޅުވީ އެ މަޝްރޫއުގައި ހިމެނޭ ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރީ މާލޭގައި އިތުރު ޖަނަރޭޓަރުތައް ބަހައްޓާނެ ބިން ނެތުމުން ކަމަށް ކަމަށެވެ.
ރައޫފު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ރާއްޖެއަށް ލިބޭ ޖަނަރޭޓަރުތައް ބަހައްޓާނީ ހުޅުމާލެ ޕަވާ ސްޓޭޝަން ހުރި ބިމުގަ އަޅާ އިމާރާތެއްގަ ކަމަށާއި އެގޮތަށް ބަދަލުކުރުމުން ސްޓެލްކޯއާ އިންވެގެން ހުރި ގާކޮށީގައި ބަހައްޓާފައިހުރި ސްޓެލްކޯގެ ޖަނަރޭޓަރުތައްވެސް ހުޅުމާލެއަށް ބަދަލުކުރާނެ ކަމަށެވެ.
ގާކޮށީގައި ހުރި ޖެނަރޭޓަރުތަކާއެކު އާ ކަރަންޓް މަޝްރޫއު ހުޅުމާލެ ބަދަލުކުރުމުން އެ ޕްރޮޖެކްޓުގެ ހިދުމަތް އާންމުންނަށް ލިބޭލެއް ލަސްވާނެ އެވެ.
ރައޫފް ވިދާޅުވީ ހުޅުމާލެއަށް ޖެނަރޭޓަރުތައް ބަދަލުކުރުމުން އެ ޖެނަރޭޓަރުތަކުން މާލެއަށް ކަރަންޓު ދެވޭނީ މާލެ އާއި ހުޅުލެ ދެމެދުގައި އަޅާ ބްރިޖް ނިމުމުން ކަމަށެވެ.
"މާލެ-ހުޅުލެ ބްރިޖަކީ މާލެއާ  ހުޅުމާލެ ގުޅުވައިދޭ ވަސީލަތް، ޖެނަރޭޓަރުތައް ހުޅުމާލެ އަށް ބަދަލު ކުރުމުން އޭގެއިން އުފައްދާ ކަރަންޓު މާލެއަށް ފޮނުވައިދިނުމުގައި ބްރިޖުގެ ހިއްސާ ބޮޑު. އެ ޖެނަރޭޓަރުތަކުން މާލެއަށް ކަރަންޓު ފޯރުކޮށްދޭނީ ބްރިޖްގެ ތެރެއިން އަޅާ ކޭބަލަކުން،" ރައޫފު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ ބްރިޖްގެ މަސައްކަތްތައް 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އެހެންކަމުން ސްޓެލްކޯއިން މިހާރު ފަށާފައިވާ ކަރަންޓް މަޝްރޫއު ތަންފީޒުކުރެވޭނީ ވެސް 2017 ގެ ނިޔަލަށް ކަމަށް ލަފާކުރެވެއެވެ.
50 މެގަ ވޮޓުގެ ކަރަންޓް މަޝްރޫއަކީ މިހާތަނަށް ސްޓެލްކޯއިން މާލޭގެ ކަރަންޓު މައްސަލަ ހައްލުކުރަން ފެށި އެންމެ ބޮޑު މަޝްރޫއެވެ. އެ ޕްރޮޖެކްޓަށް 90 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ