ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން މައުމޫން ބޭނުންފުޅެއް ނުވޭ

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އެދިވަޑައިގެންފައިވީ ނަމަވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެގޮތަށް ބޭނުންފުޅުނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރައީސް ޔާމީނަށް ޓިކެޓް ދޭން ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ ލިއުމަކުން މައުމޫނަށް ހުށަހަަޅައިފަ އެވެ. އޭގައި، ކުރީގެ ރައީސް މައުމޫންގެ އަރިހުން އެދިފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކައުންސިލް ބައްދަލުވުމެއް ބާއްވައި އެގޮތަށް ނިންމަވާ ދެއްވުމަށެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި، ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާކުރައްވާ ކަށް މައުމޫން ބޭނުންފުޅެއް ނުވެ އެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން އެމަނިކުފާނުގެ ތާއީދެއް ނެތް ކަން ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ވެސް ފޮނުއްވައިފަ އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: ޕީޕީއެމް
ކައުންސިލް މެމްބަރުންނަށް މައުމޫން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދަމަހައްޓައި ރައްޔިތުންގެ މަގްބޫލްކަން އިތުރުކުރެވޭނީ ޕާޓީގެ ހުރިހާ ކަމެއް ވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލްގެ މަތިން ގެންގޮސްގެން ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުން ބޭރުގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދަން މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ޕާޓީގެ ކައުންސިލް މެމްބަރުންނަށް މައުމޫން ފޮނުއްވި އެސްއެމްއެސް.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރާ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އެ ޕްރައިމަރީ ބާއްވަން ޖެހޭނީ ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމުގެ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށް ވެސް އަސާސީ ގަވާއިދުގައިވެ އެވެ.
ޕީޕީއެމް ޖަލްސާއެއްގައި މައުމޫނާއި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް
އެކަމަކު ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ވާދަކުރަައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ފުރުސަތު ލިބުމުގެ ޖާގަ ވެސް އަސާސީ ގަވާއިދުން ލިބެ އެވެ.
އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ އެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބާއްވާ ކޮންގްރެސްގައި، މި ހާލަތުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފި ނަމަ އެކަން ކުރަން ޖެހެ އެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ 2018 އަށް އަމާޒުކުރައްވައިގެން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް މީހުން ތައްޔާރުކުރަން ތަފާތު މަހާސިންތާތައް އެމަނިކުފާނުގެ ކެމްޕޭން އޮފީހުން ބާއްވާފައިވެ އެވެ. އަދި ޕީޕީއެމްގެ މަޖިލިހުގެ ގިނަ މެމްބަރުންނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވަކިން ހިންގަވާ އޮފީހުގެ ފަރާތުން ވެސް 2018 އަށް އަމާޒުކޮށް ރައީސް ޔާމީންގެ ކެމްޕޭންތައް ކުރިއަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ