ފަހަކުން ފަހެއް: އާސެނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް އެކަކަށް

އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަން ޓީމު ކަނޑައެޅުން މިހާރު ބިނާވެފައި މި އޮތީ ލީގުގެ އެންމެ ފަހު ފަސް މެޗަށެވެ. އޮކްޓޯބަރު މަހުން ފެށިގެން މިދިއަ ހުކުރު ވިލޭރެއާ ހަމައަށް ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނި ގޮތުގައި އެއީ ގަދަ ފަހެކެވެ. ފަހަކުން ފަހެއް ކާމިޔާބުކުރުން މަޖުބޫރެވެ.
ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި އުނދަގޫކޮށް ނިއުކާސަލް 1-0އިން ބަލިކޮށް އާސެނަލް ވަނީ، ދެ ދުވަހަށް ފަހު، އަލުން އެއްވަނައަށް އަރައިފަ އެވެ.
މިދިއަ ހުކުރު ވިލޭރޭ ބާންލީ ބަލިކޮށް ސިޓީން އެއްވަނަ ހޯދީ 70 ޕޮއިންޓުންނާއި  ފައިދާ ގޯލުން ވެސް ދެ ޓީމު އެއްވަރުވެ އެކަމަކު ޖެހި ލަނޑު ގިނަވެގެންނެވެ.
އާސެނަލް، ކުޅުނު 34، ފައިދާ ގޯލު 38، ޖެހި ގޯލު 64، ޕޮއިންޓް 73
މެންޗެސްޓަ ސިޓީ، ކުޅުނު 33، ފައިދާ ގޯލު 37، ޖެހި ގޯލު 66، ޕޮއިންޓް 70
ޔުނައިޓެޑް، ކުޅުނު 33، ފައިދާ ގޯލު 13، ޖެހި ގޯލު 58، ޕޮއިންޓް 58
ލިވަޕޫލް، ކުޅުނު 34، ފައިދާ ގޯލު 13، ޖެހި ގޯލު 57، ޕޮއިންޓް 58
އެސްޓަން ވިލާ، ކުޅުނު 34، ފައިދާ ގޯލު 5، ޕޮއިންޓް 50
ރޭ އާސެނަލް މޮޅުކޮށްދިނީ ނުވަވަނަ މިނިޓްގައި އެބެރެޗީ އިޒޭ ޖެހި ރީތި ލަނޑަކުންނެވެ. އެކަމަކު މެޗުގައި ގިނަ ހަމަލާދިނީ ނިއުކާސަލްއިންނެވެ. އެންމެ ކުޑަ ވެގެން އެއްވަރުނުވެ މެޗު ނިމުނީ ނިއުކާސަލްގެ ނަސީބު ދެރަކަމުންނެވެ.
ނަމަވެސް މިއީ މޮޅު ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރެވެން އޮތް ދަނޑިވަޅެއް ނޫންކަން އާޓެޓާއަށް އެނގެ އެވެ. ކޮންމެ ގޮތަކުން ނަމަވެސް ބޭނުންވަނީ ތިން ޕޮއިންޓެވެ. އެކަން ރޭ ވުމުން އޭނާ އާއި ޓީމު ތިބީ ހިނިތުންވެފަ އެވެ.
އާޓެޓާ ބުނީ ދެން އޮތް ހަތަރު މެޗަށް ވެސް އޭނާ ތައްޔާރު ކަމަށެވެ. ނޭވާހިފަހައްޓާލަން ޖެހޭ ވަގުތުތަކާ މެދު އޭނާގެ ކަންބޮޑުވުމެއް ނުވަތަ ބިރެއް ވެސް ނެތް ކަމަށް ބުންޏެވެ.
"ލީގު ނުލިބި 22 އަހަރު ހޭދަވި އިރު އަހަރެން ލަފައެއްނުކުރަން އެއީ ފިނިފެންމަލާއި ރީތި މިޔުޒިކުން ފުރިފައި އޮތް މަގެއް ކަމަކަށް،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.
"މި ގޮތަށް ކަންތައް ވާނީ ވެސް، އަހަރެމެން މި ތިބީ ތައްޔާރުވެގެން."
އަންނަ ހަފުތާ ވެސް އާސެނަލްގެ މެޗު އޮތީ އަމިއްލަ ދަނޑުގަ އެވެ. ފުލަމް އަތުން މޮޅުވެއްޖެ ނަމަ ތާވަލްގައި ހަ ޕޮއިންޓްގެ ތަފާތެ އަންނާނެ އެވެ. އެކަމަކު އެއީ ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. 
ރޭ އޮތް އެފްއޭ ކަޕް ސެމީ ފައިނަލްގައި 2-1އިން ސައުތެމްޓަން ބަލިކޮށް ފައިނަލަށް ދިޔަ ސިޓީން ލީގު މެޗުތަކަށް އަންނަ މަހު ފަހެއްގައި ނުކުންނަ އިރު، ޕްރެޝަރު އޮންނާނެ އެވެ.
ސިޓީގެ ފަހު ފަސް މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ އެވަޓަންއާ ދެކޮޅަށް އެވަޓަންގެ ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ