ދުބާއީއަށް ޑްރޯންގެ ބައިތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
އާއްމުކޮށް ދިވެހީން ވެސް ގޮސް އުޅޭ, ދުބާއީއަށް އަމާޒުކޮށް އީރާނުން ދިން ޑްރޯން ހަމަލާއެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލުމުން، އޭގެ ބައިތައް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ދުބާއީގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މިއަދު ހިނގި މި ހާދިސާގައި ޑްރޯންގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ދެ ގެއެއްގެ ގޯތިތެރެއަށެވެ. ދުބާއީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާވި ދެ މީހުންނަށް ވަގުތުން ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. https://www.sun.mv/218510 މީގެ އިތުރުން، ދުބާއީގެ އެކި ސަރަހައްދުތަކަށް އިވުނު ބާރު ގޮވުމުގެ އަޑުތަކަކީ، އީރާނުން ފޮނުވާލި ޑްރޯންތައް ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ވައްޓާލުމުގެ ތެރޭގައި އިވުނު އަޑުތަކެއް ކަމަށް ވެސް އޮފިޝަލުން ކަށަވަރުކޮށްދެއްވިއެވެ. މި ހަމަލާތަކުގައި އާންމުންގެ މުދަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާ ހިނގާފައި މި ވަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދިނުމުން ރައްދުގައި އީރާނުން ދޭ ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން އަންނަނީ އެމެރިކާގެ ބޭސްތައް ހުންނަ އަރަބި ގައުމުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ. ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމަށް އަމާޒުކޮށް އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތަކުގެ އަސަރު ދުބާއީގެ ބުރުޖު އަލް އަރަބް ހޮޓަލަށާއި ޖަބަލް އަލީ ޕޯޓަށް ވެސް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ރަސްމީ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ