މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ޢުމްރާވެރިން ސަމާލުވާން އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ޢުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސް އުޅޭ ދިވެހިންނާއި، ދާން ތައްޔާރުވާ މީހުން ވެސް ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގެ (އަރަބި) ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ސައުދީ ވެސް ހިމެނެއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާއަށްދާ މީހުންނާއި، ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ މީހުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477 އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329 އަށް ވީ އެންމެ އަވަހަކަށް އެންގުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޢުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް އެ މިނިސްޓްރީގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މި ހޮޓްލައިން ގާއިމުވުމުން އެކަން އާންމުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ނަސޭޙަތްތެރިވަން، އިސްލާމިކް މިނިސްޓްރީ މީގެއިތުރުން މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން އެ މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ