މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފި، އަގު މަތިވުމުގެ ބިރު
ސައުދީ އަރަބިއްޔާއާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފިއެވެ. ބްލޫމްބާގް ނިއުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ވަނީ ދުވާލަކު ދެ މިލިއަނާއި 2.5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް ތެޔޮ އުފެއްދުން މަދުކޮށްފައެވެ. މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ދުވާލަކު 500،000 އާއި 800،000 ފީފާއާ ދެމެދުގެ އަދަދަކަށް ތެޔޮ އުފެއްދުން މަދުކޮށްފައިވާއިރު، ކުވައިތުން ވަނީ ދުވާލަކު ބައި މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކޮށްފައެވެ. އަދި، އިރާގުން ވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2.9 މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކޮށްފައެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ މި ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީކަމަށް ބްލޫމްބާގުން ބުނެފައިވެއެވެ. މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މިހާ ބޮޑަށް ދަށްކޮށްފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ މަސްރަހު ނުހަނު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ތެޔޮ އުފައްދާ މިންވަރު މަދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 93 ޑޮލަރަށެވެ. އިއްޔެ އެ އަގު 117 ޑޮލަރަށް ވެސް އުފުލުނެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) އިން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް މާހިރުން އިންޒާރުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ