އާސަންދަ ހަރަދު އަންނަ އަހަރު %62 އިތުރުވެ، 4 ބިލިއަނަށް އަރާނެ: އޮޑިޓު

އާސަންދައަށް ކުރާ ހަރަދު އަންނަ އަހަރު %62 އިތުރުވެ، 4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ -  އޮޑިޓް އޮފީހުން އިއްޔެ އާންމުކޮށްފައިވާ އާސަންދަ ސްކީމުގެ ޕާފޯމަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އާސަންދައަށް ކުރާ ހޭދަ ބޮޑުވެ އެ ސްކީމުގެ ހަރަދުތައް މެނޭޖުކުރަން ވަނީ ދަތިވެފަ އެވެ.
ތަފްސީލް - މީގެ ސަބަބުން އާސަންދަ އިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ނުދެއްކި، ދެމެހެއްޓެނިވި ގޮތެއްގައި އެ ސްކީމު ހިންގުމަށް ދަތިވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އާސަންދަ ސްކީމުގެ މާލީ ހަރުދަނާކަން ދަމަހައްޓައި އެ ސްކީމުގެ ދަށުން ހިދުމަތް ދޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް ގަވައިދުން ބިލުތަކަށް ފައިސާ ދެއްކުމުގެ މުހިއްމުކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2024 ވަނަ އަހަރު ނިމުނު އިރު އާސަންދަ އިން ހިދުމަތް ފޯރުކޮށްދިން ފަރާތްތަކަށް ދައްކަންޖެހޭ 640 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުއްޓެެވެ. އަދި އެވްރެޖުކޮށް މި އަދަދު އަހަރަކު %7 އިތުުރުވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އަމިއްލަ ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކަށް ކްރެޑިޓް މުއްދަތުގެ ތެރޭގައި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން  އެ ހޮސްޕިޓަލްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ ހޭދަ އިތުރުވާ ކަމަށް އެ ތަންތަނާ ހަވާލާދީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އާސަންދަ ސްކީމު ފެށިގެން އައިސްފައި ވަނީ ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ޕްރިމިއަމް އުސޫލުން ހިންގާ ސްކީމެއްގެ ބަދަލުގައި މުޅި މުޖުތަމައުގެ ސިއްހީ ހަރަދުތަކަށް ދައުލަތުން ފައިސާ ދައްކާ ނިޒާމެއްގެ ގޮތުގައި ކަމަށާއި މީގެ ސަބަބުން ބަޖެޓު ކުރާ އަދަދަށް ވުރެ ހަރަދުތައް އިތުރުވެ، އާސަންދަ ސްކީމު މެނޭޖު ކުރަން ދަތިވެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މުހިއްމު ތަފާސްހިސާބު:
2014 އިން 2019އަށް 6 އަހަރު ތެރޭ ޖުމްލަ 35.6 ބިލިއަން ރުފިޔާ އާސަންދައަށް ހޭދަކޮށްފައިވޭ
މިއީ އެވްރެޖުކޮށް އަހަރަކަށް 5.9 ބިލިއަން ރުފިޔާ
ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައިގެ %45 ހަރަދު ކުރަނީ އާސަންދައަށް
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2019 އިން 2023އަށް އާސަންދަ އިން ހިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވީ %7 އެވެ. ނަމަވެސް އެ ސްކީމަށް ކުރި ހަރަދު ވަނީ %32 އިތުރުވެފަ އެވެ.
މީގެ އިތުރުން، 2019 އިން 2024އަށް އާސަންދަ ސްކީމުން ބޭހަށް އެކަނި 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މިއީ އެ މުއްދަތުގައި އާސަންދަ ސްކީމުން ކުރި ހޭދައިގެ %33 އެވެ.
ބޭހަށް ކުރާ ހޭދަ އެ މުއްދަތުގައި %45 އިތުރުވި ކަމަށާއި މި ހަރަދުތައް އެވްރެޖު ގޮތެއްގައި އަހަރަކު %7 އިތުރުވަމުން ގޮސްފައިވާކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، އާސަންދައިގެ ދަށުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް މީހުން ފޮނުވާ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވަމުން ގޮސްފައިވާ ކަމަށާއި 2019 އިން 2023އާ ހަމައަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް އެ މުއްދަތުގައި އަހަރަކު އެވްރެޖުކޮށް ކުރި ހޭދަ ވަނީ %14 އިތުރުވެފަ އެވެ. މީގެ ސަބަބުތައް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
ރާއްޖެއިން ބޭރުން އާސަންދައިގެ ހިދުމަތް ދޭ މަރުކަޒުތައް އެ މުއްދަތުގައި އިތުރުވުން
ރާއްޖެ އިން ލިބެން ހުންނަ ފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވީ ނަމަވެސް، އެ ކޭސްތައް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނު ސަބަބު ލިޔެކިޔުމުން ބަލަހައްޓާފައި ނުވުން
ރާއްޖެ އިން ބޭރުގެ ވިޒިޓިން ޑޮކްޓަރުންނަށް ރެފާ ކުރެވޭނެ ނިޒާމު ގާއިމްވެފައި އޮތުމުން އޭގެ ނާޖައިޒު ފައިދާ ނަގަމުން ދިޔުން
އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް، އެ ސްކީމު ފަރުމާކޮށް ހިންގަނީ ގާނޫނުގައި ބުނާ ގޮތަށްކަން ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ ލަފާދީފަ އެވެ. 
މީގެ އިތުރުން، ބަލިމީހުން ތަކުރާރުކޮށް އެއް ޓެސްޓުތަކެއް އެކި މަރުކަޒުތަކުން ހަދަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ހޭދަ އިތުރުވާތީ އެ ހޭދަ ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި ސިއްހީ ހިދުމަތްތަކަށް އެކި މަރުކަޒުތަކުން އެކި ނަންނަމުގައި އެކި އަގުތައް ޗާޖުކުރާކަން ފާހަގަވެފައިވާތީ އެކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތައް އަޅަން ވެސް ވަނީ ލަފާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ