ސިޔާސީ ދާއިރާގައި އުޅެމުން ވެސް، ކަންގަނާ އެނބުރި ފިލްމީ މަސައްކަތްތަކަށް
ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އިތުރު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ކަންގަނާ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަނީ "ބާރަތު ބާގްޔާ ވިދާތާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައެވެ. ކަންގަންނާގެ އަމިއްލަ ފިލްމު ކުންފުނި މަނީކަރުނިކާ ފިލްމްސްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ އުމުރުން 39 އަހަރުގެ ބަތަލާ އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ސެޓަށް ޒިޔާރަތްކުރާ މަންޒަރެވެ. މި ވީޑިއޯގައި ކަންގަނާ އާއި ފިލްމު ޑައިރެކްޓަރު މަނޯޖު ތަޕާޑިއާ, މަޝްވަރާތަކެއް ކުރާ މަންޒަރުވެސް ފެނެއެވެ. އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބަތަލާ ބުނެފައި ވަނީ އެނބުރި ފިލްމީ ސެޓަށް ދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. ކަންގަނާ އެންމެ ފަހުން ފެނުނު ފިލްމު "އިމަޖެންސީ"ގެ ޕޯސްޓަރެއް--ފޮޓޯ/ފަސްޓްޕޯސްޓް އިތުރު ފިލްމެއްގެ މަސައްކަތް ފަށަން ކަންގަނާ ތައްޔާރުވަމުން އަންނައިރު ބަތަލާ ވަނީ މިދިޔަ އަހަރު، އެކްޓަރު އާރް މާދަވަންއާ އެކު ފިލްމެއްގެ މަސައްކަތް ނިންމާލާފައެވެ. އެ ފިލްމުގެ ނަން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ކަންގަނާ އަލަށް މަސައްކަތް ފަށާ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިފަހަރުވެސް ބަތަލާ ފެންނާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ކަންގަނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ޕޮލިޓިކަލް ޑްރާމާ "އިމަޖެންސީ"އެވެ. އެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ކަންގަނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ދާދިފަހުން އިއުލާނުކުރި، ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބްލެސްޑް ބީ ދަ އީވިލް" ހިމެނެއެވެ. މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ ހޮލީވުޑްގެ ތަރިން ކަމަށްވާ ޓައިލާ ޕޯސޭ އާއި ސްކާލެޓް ރޯޒް ސްޓޭލަން ހިމެނެއެވެ. ކަންގަނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާގެ މެމްބަރެކެވެ. ސިޔާސީ ދާއިރާއާ ގުޅުމަށްފަހު ކަންގަނާ ފިލްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުން ވަނީ މަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ