އެމްޑީޕީ ކެންޑިޑޭޓުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑިޕީގެ ފަރާތުން ވާދަ ކުރަން ކަނޑައެޅި ބައެއް ކެންޑިޑޭޓުންނަށް ސަރުކާރުގެ ފަރާތުން ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން އެގޮތަށް ތުހުމަތު ކުރީ ކައުންސިލް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު އެ ޕާޓީން ބޭއްވި ބައްދަލުވުމުގަ އެވެ.
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރު އަދި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ސަރުކާރުން ވަރަށް ބޮޑަށް އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ސަރުކާރުން ކިތަންމެ ނުފޫޒެއް ފޯރުވިޔަސް، ރަނގަޅު ނަތީޖާއެއް އިންތިހާބުން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"[ސަރުކާރުން] ފޯރުވަމުން ގެންދާ ނުފޫޒުގެ ތެރޭގައި އަޅުގަނޑުމެން ކެންޑިޑޭޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ބޭފުޅުންނަށް ޕީއެންސީގެ ފަރާތުން ވާހަކަ ދައްކައިގެން، ހުއްޓުވަން މަސައްކަތްކޮށް ނުވަތަ ވަޒީފާގެ ބިރު ދަނީ ދައްކަމުން،" އެމްޑީޕީ ޕީޖީގެ ކުރީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވި އެވެ.
ސަރުކާރުން އެގޮތަށް ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ސަބަބުން ބައެއް ކެންޑިޑޭޓުން ބަދަލުކުރަން ވެސް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް އެސްއޯއީއެއްގައި [ސަރުކާރު ކުންފުންޏެއްގައި] މަސައްކަތް ކުރާ މުވައްޒަފަކު އަޅުގަނޑުމެންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަންޏާ އެ އަންނަ ގޮންޖެހުންތަކާއި ދައްކާ ބިރު ދެއްކުމުގެ ސަބަބުން ދިމާވާ ދަތި އުނދަގޫ ހާލަތުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ކާމިޔާބު،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ކެންޑިޑޭޓުން ޔަގީން ނުވާ ތަންތަނުގައި ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަށް މި މަހު 16ގައި ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ. ޕްރައިމަރީގެ ކަންކަން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ދީފައިވެ އެވެ.
މި ޕްރައިމަރީގައި 14،000އެއްހާ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، 55 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ