50 މެގަޕިކްސެލްގެ ތިން ކެމެރާއާއެކު މޮޓޮރޯލާ އިން 'ރޭޒާފޯލްޑް' ތައާރަފްކޮށްފި
ލެނޯވޯގެ ދަށުން ހިންގާ މޮޓޮރޯލާ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން، "މޮޓޮރޯލާ ރޭޒާ ފޯލްޑް", 50 މެގަޕިކްސެލްގެ ތިން ކެމެރާއާއެކު މިހާރު ކުރިއަށްދާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް 2026) ގައި ރަސްމީކޮށް ދައްކާލައިފިއެވެ. މިއީ މޮޓޮރޯލާގެ ފޯލްޑަބަލް ފޯނުތަކުގެ ތެރެއަށް އިތުރުވި އައު ފޯމް ފެކްޓާއެކެވެ. މީގެ ކުރިން މޮޓޮރޯލާއިން ނެރެމުން އައީ "ރޭޒާ ފްލިޕް" މޮޑެލްގެ ފޯނުތަކެވެ. https://sun.mv/215330 އެ ކުންފުނިން ހާމަކުރި ގޮތުގައި، މި އައު ފޯނަކީ ބޭނުންކުރާ މީހާގެ ބޭނުންތަކަށް ފަސޭހައިން ބަދަލުކޮށްލެވޭ ފްލެކްސިބަލް ލޭއައުޓްތަކާއި އިންޓަފޭސްތަކެއް އެކުލެވިގެންވާ ފޯނެކެވެ. މި ފޯނުގެ މައިގަނޑު ސިފަތަކަށް ބަލާއިރު، މީގައި ހިމެނެނީ 8.1 އިންޗީގެ 2ކޭ ރިޒޮލިއުޝަންގެ އެލްޓީޕީއޯ އެތެރޭ ސްކްރީނަކާއި 6.6 އިންޗީގެ ބޭރު ސްކްރީނެކެވެ. "ޕެންޓޯން ބްލެކަންޑް ބްލޫ" އަދި "ޕެންޓޯން ލިލީ ވައިޓް" ކުލައިގައި ލިބެން ހުންނަ މި ފޯނަކީ "މޮޓޯ ޕެން އަލްޓްރާ" ސްޓައިލަސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. ކެމެރާގެ ގޮތުން މި ފޯނުގައި ވަރުގަދަ ތިން ކެމެރާ ހިމެނެއެވެ. އެއީ 50 މެގަޕިކްސެލްގެ ސޮނީ ލައިޝިއާ މައި ސެންސަރާއި، 3އެކްސް އޮޕްޓިކަލް ޒޫމް ހިމެނޭ 50 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޯޓޯ ކެމެރާއެއްގެ އިތުރުން 50 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. ސެލްފީ ނެގުމަށްޓަކައި ބޭރު ސްކްރީނުގައި 32 މެގަޕިކްސެލްގެ ކެމެރާއެއް އަދި އެތެރޭ ސްކްރީނުގައި 20 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. މީގެ އިތުރުން މި ފޯނުން ޑޮލްބީ ވިޝަން ކޮލިޓީގައި ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ. އައު އޭއައި ފީޗާތަކަކީ މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ. އޭގެ ތެރޭގައި މެސެޖުތަކާއި ކޯލްތަކުގެ ޚުލާސާ ފޯރުކޮށްދޭ "ކެޗް މީ އަޕް" އާއި، ސްކްރީނުގައި ހުންނަ ކޮންޓެންޓަށް ބަލައި ބޭނުންކުރާ މީހާއަށް އިތުރު ލަފާދޭ "ނެކްސްޓް މޫވް" ހިމެނެއެވެ. މޮޓޮރޯލާ އިން އަދި މި ފޯނުގެ ބެޓެރީގެ ގާބިލްކަމާއި، ބޭނުންކޮށްފައިވާ ޗިޕްސެޓްގެ އިތުރުން ފޯނުގެ އަގާއި ލިބޭނެ ތާރީޚެއް ހާމައެއް ނުކުރެއެވެ. އަދި ފޯނާއެކު ސްޓައިލަސް ޕެން ލިބޭނެކަން ނުވަތަ ނޫންކަންވެސް އަދި ކަށަވަރެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ