ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ތިން ވަނަ ފަހަރަށް އުރްބާނީ ހަމަަޖައްސައިފި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ތިން ވަނަ ފަހަރަށް އުރްބާނީ ހަމަަޖައްސައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަންގޭރީގެ ތަޖުރިބާކާރު ކޯޗު، އިސްތަވާން އުރްބާނީ، ހަމަޖައްސަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
މިއީ، އުމުރުން 58 އަހަރުގެ އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވާ ތިން ވަނަ ފަަހަރެވެ. އަދި، ރާއްޖެ އަށް ކޯޗުކޮށްދޭން އޭނާ މި އަންނަނީ، 12 އަހަރު ފަހުންނެވެ.
އެ ގޮތުން، އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.
ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
އުރްބާނީ ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުގެ މަގާމާ ހަވާލުވާއިރު، މި ފަހަރު އޭނާ ރާއްޖެ އަންނަނީ ގައުމީ ކޯޗުކަމުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ ވެސް ނަގާގޮތަށެވެ. އަދި، ޓެކްނިކަލް ޑިރެކްޓަރުގެ ރޯލުގައި މަސައްކަތްކުރާއިރު، އުުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް އުރްބާނީގެ އެހީތެރިކަން ލިބިގެންދާނެ އެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގައި މި ވަގުތު ތިބި އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގް (ޓޮމް) އާއި އެކްސްކޯ މެމްބަރުން ކަމަށްވާ އިމްރާން މުހައްމަދު އަދި މުހައްމަދު އުމެއިރު ވަނީ، އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ