"ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައިގެ ބަދަލާމެދު ހުރި ކަންބޮޑުވުމަށް އަދިވެސް ޖަވާބު ނުލިބޭ"

ޕޭ ހާމަނައިޒޭޝަންގެ ދަށުން ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ. ކުޑޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެ ކަންބޮޑުވުންތައް ޕޭކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. ނަމަވެސް 50 ދުވަސް މިހާރު ފާއިތުވެފައިވާއިރު، އަދިވެސް އެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ ކަމަށް ވިދާޅުވިއެވެ. ކުޑޫ އޭރު ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭ މިދިޔަ ނޮވެމްބަރު އެކަކުން ފެށިގެން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެ، އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ހިސާބުކުރީ ހާޒިރީ އެލަވަންސް ހިމަނައިގެން ކަމަށްވީތީ ސަލާމް/ ޗުއްޓީގައި ހުންނައިރު ކުރިން ލިބޭ މުސާރައާއި އިނާޔަތް ނުލިބުން ހިމެނެއެވެ. އަދި އިތުރު ކަންކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ. https://x.com/mohamedkudu/status/2015271811483832541 ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑިޝަރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަމަށް ސަރުކާރުން ބުނި ފަހުން، އެ ދާއިރާތަކުގެ ބައެއް މުވައްޒަފުންވަނީ އެ ބަދަލާއެކު މުސާރަ ކުޑަވި ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. https://sun.mv/216240 ޖުޑިޝަރީ މުވައްޒަފުން އެހެންވެ އިހުތިޖާޖު ވެސް ކުރިއިރު، މިހާތަނަށް އެ ކަމުގައި ޕޭ ކޮމިޝަނުން ރަސްމީކޮށް ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ. މާލޭ ސިޓީ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި އެހެނިހެން ސިވިލް މުވައްޒަފުންގެ މުސާރައިން ބައެއް މަދުވިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭގެ މޭޔަރު އާދަމް ޢާޒިމް ވެސް މިދިޔަ މަހުގެ 30ވަނަ ދުވަހު 'އެކްސް'ގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މުވައްޒަފެއްގެ އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ މައިގަނޑު އަސާސީ އެކައްޗަކީ މަހު މުސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ