އިންތިހާބު ޕީއެންސީއަށް ދީފި ނަމަ، ކައުންސިލްތައް ހިންގާނީ ސަރުކާރު ކުންފުނިތަކުން: ސަމީރު އިންތިހާބު ޕީއެންސީއަށް ދީފި ނަމަ، ކައުންސިލްތައް ހިންގާނީ ސަރުކާރު ކުންފުނިތަކުން: ސަމީރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ދީފި ނަމަ، ކައުންސިލްތައް ވެސް ހިންގާނީ ސަރުކާރު ކުންފުނިތައް މިހާރު ހިންގަމުންދާ ގޮތަށް ކަމަށް ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ސަމީރު ވިދާޅުވެއްޖެ އެވެ.
އަދަދު ގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާ ބެހޭ އެތައް މައްސަލައެއް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ނުބަލައި ބާއްވާފައި އެބަހުރި ކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަތަކަކީ މަޖިލިސް ހުޅުވުނުތާ ކައިރީގައި ހުށަހެޅިފައި ހުރި މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބު، ރަށްރަށުގެ ކައުންސިލް އިންތިހާބު ޕީއެންސީ މި ރާއްޖެއިން ނަގައިފި ކަމުގައިވާ ނަމަ، އަޅުގަނޑުމެންނަށް ފެންނަނީ ކައުންސިލްތައް ވެސް ހިންގާނީ އެސްއޯއީތަކުން، ރަށްރަށުގެ ވެރިކަންތައް ވެސް ކުރާނީ އެސްއޯއީތައް މެދުވެރިކޮށް ކަމަށް،" ސަމީރު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ލިބިއްޖެ ނަމަ، ކަންކަމާ ގުޅޭ ގޮތުން ހިޔާލާއި މަޝްވަރާ ދިނުމުގެ ހައްގު ރައްޔިތުންގެ އަތުން އެއްކޮށް ގެއްލިގެން ދާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
މީގެ ކުރިން އޮތް ދެ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމުގެ ހިތި ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވެ ސަމީރު އެދިވަޑައިގަތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށެވެ.
"އަޅުގަނޑު އެދެން ހުރިހާ ރަށެއްގެ، ކައުންސިލް އިންތިހާބު، ހާއްސަކޮށް ކައުންސިލްތަކުގެ ރައީސްގެ ގޮނޑިއަށް އެމްޑީޕީގެ މެންބަރުން ހޮއްވަވައިދެއްވުމަށް،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ހެވާއި ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރާ ބަޔަކު، އެމްޑީޕީ ނޫނީ ރާއްޖޭގައި ނެތް ކަމަށެވެ. މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދީން ހަތިޔާރަކަށް ހަދައިގެން ދިވެހި ވިޔަފާރިތައް ފުނޑާލައި ރައްޔިތުންގެ އަހުލާގު ގޯސް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ