އަރަބި ކަނޑުގައި އޮތް 'އަބްރަހަމް ލިންކަން' މަތިންދާބޯޓު އުފުލާ މަނަވަރު ކައިރިއަށް ދަތުރު ކުރި އީރާނުގެ ޑްރޯންއެއް އެމެރިކާގެ އަސްކަރިއްޔާ އިން ވައްޓާލާފައިވާ ކަމަށް އެމެރިކާ ސިފައިން ބުނެފި އެވެ.
އެ ހާދިސާ ހިނގާފައި މިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަން ޑިޕްލޮމެޓުން މަސައްކަތް ކުރަމުން އަންނަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް އީރާނާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށާއި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ "ނުރަނގަޅު ކަންތައްތަކެއް" ހިނގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޑްރޯން ވެއްޓުނު ކަމުގެ ހަބަރު ފެތުރުމާ އެކު ތެޔޮ ފީފާއަކުން ވަނީ 1 ޑޮލަރު އުފުލިފަ އެވެ.
އީރާނުގެ ޝަހީދު-139 ޑްރޯން ވައްޓާލީ މަނަވަރާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި އެ ޑްރޯން ވައްޓާލާފައި ވަނީ އެމެރިކާގެ އެފް-35 މަރުކާގެ މަތިންދާބޯޓަކުން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެ އެވެ.
"މަތިންދާބޯޓު އުފުލާ މަނަވަރާއި އޭގައި ތިބި މީހުން ރައްކާތެރި ކުރުމަށް، އަބްރަހަމް ލިންކަންގެ އެފް-35 ސީ ފައިޓާ ޖެޓަކުން އީރާނުގެ ޑްރޯނެއް ވަނީ ވައްޓާލާފައި،" އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާން ނޭވީ ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އީރާނުން އަދި އެއްޗެއް ނުބުނެ އެވެ.
އީރާނުގެ ތަސްނިމް ނިއުސް އޭޖެންސީން ބުނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ޑްރޯންއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެމެރިކާގެ އެއްވެސް މީހަކަށް އަދި އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޓިމް ވިދާޅުވި އެވެ.
މިދިޔަ މަހު އީރާންގައި ކުރި މުޒާހަރާތަކަށް ފަހު ލިންކަން ކެރިއާ ސްޓްރައިކް ގްރޫޕަކީ މެދުއިރުމަތީގައި އެމެރިކާ ސިފައިންގެ ބާރުގަދަ ކުރުމަށް ހިންގާ ހަރަކާތުގައި ފާޅުގައި ފެންނަ އެންމެ ބޮޑު ގްރޫޕެވެ.
ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިއާ އިނާޔަތްތަކެއް ދިނުމަށް ގޮވާލައްވައި އެ ގައުމުގެ އައްސޭރިފަށަށް ހަނގުރާމަމަތީ އުޅަނދުތައް ފޮނުވަން ގޮވާލައްވައިފަ އެވެ. އަދި އީރާނުން ސީރިއަސްކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އިރު، އީރާނުގެ ސަލާމަތީ ދާއިރާގެ އިސް އޮފިޝަލް، އަލީ ލަރިޖާނީ ވެސް ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ މަނަވަރާ ދިމާލަށް ދަތުރުކުރި އީރާނުގެ ޑްރޯންއެއް ވައްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ