ދިވެހި ބޭންޑު، 2 އޮފް އަސްއަށް ކުރެވޭ އެކި ތުހުމަތުތަކާއި އެ ބޭންޑާ ބެހޭ ގޮތުން ދައުރުވަމުންދާ ނޭދެވޭ ވާހަކަތަކުގެ އަސަރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އަށް ފޯރައި ކުންފުނީގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެ ކުންފުނިން 2 އޮފް އަސްއާ އެކު ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - ވީއެމްސީން ވިޒިޓް މޯލްޑިވްސް އެމްބެސެޑަރަކަށް 2 އޮފް އަސް ހަމަޖެއްސީ 7 ޖުލައި 2025ގަ އެވެ.
އެ އެމްބެސެޑާޝިޕް ބާތިލުކުރިކަން އަންގައި މިދިޔަ މަހު 22ގައި ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، 2 އޮފް އަސްގެ ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމްއަށް ފޮނުއްވި ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
'ދައުރު'ން ކުރި މަސައްކަތުން، މި ސިޓީގެ ސައްހަކަން އެކަކަށް ވުރެ ގިނަ މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ތަފްސީލު - އެ ސިޓީގައި ޝިއުރީ ވިދާޅުވީ 2 އޮފް އަސްއާ ގުޅޭ ގޮތުން ފެތުރެމުންދާ ނޭދެވޭ ވާހަކަތަކުގެ ނޭދެވޭ އަސަރު އެ ކުންފުންޏަށް ވަރަށް ބޮޑަށް ފޯރާފައިވާތީ އެ ކުންފުނީގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޓާނަލް ރިވިއުއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ރިވިއުއަށް ފަހު 2 އޮފް އަސްއާ އެކު ކުރިއަށްގެންދާ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލަން ވީއެމްސީގެ މެނޭޖްމަންޓުން ވަނީ ނިންމާފަ އެވެ.
އެގޮތަށް ނިންމީ، ޝިއުރީ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ޕްރޮފެޝަނަލް މިންގަނޑުތަކާއި ނަޒާހާތްތެރިކަމާއި ބްރޭންޑްގެ އަގު ހިފެހެއްޓުމުގެ ގޮތުންނެވެ.
އެއާ އެކު ސިޓީ ފޮނުވި ތާރީހުން ފެށިގެން ކޮށްގެން ނުވާނެ ކަންކަން ވެސް ވީއެމްސީން ވަނީ 2 އޮފް އަސްއަށް އަންގާފަ އެވެ. އެއީ:
ވިޒިޓް މޯލްޑިވްސް އެމްބެސެޑަރު ކަމަށް ދައްކައިގެން ނުވާނެ
ވިޒިޓް މޯލްޑިވްސްގެ ނަމާއި ލޯގޯ އައި ބްރޭންޑިން އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުންކޮށްގެން ނުވާނެ
ވީއެމްސީއާ ގުޅޭ މުއާމަލާތްތަކާއި ޕްރޮމޯޝަންތަކާއި އެ ނޫނަސް އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ
އެނގުން މުހިންމު - އިންޑިއާގެ ބެޓްލް އޮފް ބޭންޑްސްއިން ތިން ވަނަ ލިބުނު 2 އޮފް އަސްއަށް މަކަރާއި ހީލަތުގެ ތުހުމަތުތައް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ވަނީ ތިލަވެފަ އެވެ.
އެ ތުހުމަތުތައް އުފުލިފައިވަނިކޮށް، 2 އޮފް އަސްއަށް ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ތުހުމަތުކޮށް، މިދިޔަ މަހުގެ ތެރޭގައި އެ ބޭންޑުގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވަކިވެފަ އެވެ.
ނަމަށް ހުތުރުވެ، އަގު ވެއްޓޭތީ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން 2 އޮފް އަސް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ