ޕެންޝަން އޮފީހުން ދެއްކީ ހޮޅި ވާހަކަ؛ ފަންޑު ނުރައްކަލެއްގެ ތުންފަތްމަތީ

ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާތީ އިގްތިސާދީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޕެންޝަން ފަންޑުން ބަޔާނެއް ނެރެ ބުނީ ހާސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 
އެ އޮފީހުން ދެއްކި ބަހަނާއަކީ، ޕެންޝަން ފަންޑުގައި އޮތް ސަރުކާރުގެ ބޮންޑު ދެވަނަ ފަހަރަށް ވިއްކާލީ ގެއްލުން ނުވާނޭ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އެ މުއާމަލާތުގެ ތަފްސީލެއް ނުދީ ސަބަބެއްގެ ގޮތުގައި ބުނީ ފިނޭންސް މިނިސްޓްރީ ހުށަހަޅާފައި އޮތް ބޮންޑަކީ ޑޮލަރުން ވެސް އާމްދަނީ ލިބޭ ބޮންޑަކަށް ވުމުން ފަންޑަށް ބޭރު ފައިސާއިން އާމްދަނީ ލިބި ވަރުގަދަވާނޭ ކަމަށެވެ.
އެކަމަކު މުޅި މުއާމަލާތަށް ބެލުމުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. 
އެ މުއާމަލާތުގެ މައްސަލައިގައި ޕެންޝަން ބޯޑުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ޕަބްލިކް ފައިނޭންސިން އާއި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަރުވަޝް އާދަމް މިއަދު ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ގޮތަށް ސަރުކާރުގެ ބޮންޑެއް އާންމު މާލީ ބާޒާރަށް އަލުން ވިއްކައިގެން ފައިސާ ހޯދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، މައްސަލަ ކުރިމަތިވަނީ  އޭނާ ވިދާޅުވީ އެމްއެމްއޭން އެ ބޮންޑް ގަންނާތީ ކަމަށެވެ.
އެމްއެމްއޭން ބޮންޑު ގަތުމުގެ މާނައަކީ ސަރުވަޝް ވިދާޅުވި ގޮތުގައި މިހާރު ދައުރުވާ ރުފިޔާގެ ތެރޭގައި ނެތް އާ ރުފިޔާ ދައުރުވާ ފައިސާގެ ތެރެއަށް ނެރުން ކަމަށެވެ. ކުރުކޮށް ބުނާ ނަމަ ފައިސާ ޗާޕް ޖެހުމެވެ. 
"ކަނު ބަދެގެން ތިބެ އެއް އޮފީހުން ކުރި މުއާމަލާތަށް ބަލައިގެން މި މުއާމަލާތް ރަނގަޅު ކަމަށް ބުނެވޭ ވަރަށް ވުރެ ބޮޑު މުއާމަލާތެއް މިއީ. ޕެންޝަން ފަންޑުގެ ބޮންޑު ގަތީ އެމްއެމްއޭ ކަމަށްވުން މީގެ މައްސަލައަކީ. އާންމު ބާޒާރުގައި މާލީ އިދާރާއަކުން އެޖެންސީއަކުން ނޫން މި ބޮންޑު ގަނެގެން މި އުޅެނީ. އެމްއެމްއޭން މި ދެނީ ފައިސާ ޕެންޝަން އޮފީހުގެ ބޮންޑު ގަތުމުގެ ނަމުގައި،" ސަރުވަޝް ވިދާޅުވި އެވެ.
އެ ހިސާބުން ވިސްނަން ޖެހޭނީ ދައުރުވާ ރުފިޔާ އިތުރުވެ ކުރިމަތިވާން ހުރި ނުރައްކާތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އާ ބޮންޑުން ބޭރު ފައިސާގެ އާމްދަނީ ފަންޑަށް ލިބޭނޭ ކަމަށް އެކަނި ބަލައިގެން މުއާމަލާތަށް ބޯޑުން އާ އެކޭ ބުނުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ ދައުރުވާ ފައިސާގެ ތެރެއަށް ރުފިޔާ އިތުރުވުމުން ތަކެތީގެ އަގު އުފުލޭނޭ މިންވަރާއި ދިވެހި ރުފިޔާގެ އަގު ވެއްޓޭނޭ ވަރަށް ބަލަން ޖެހޭ ކަމަށެވެ.
"ލިބޭ ފައިދާއަށް ވުރެ ގެއްލުން މުސްތަގުބަލުގައި ބޮޑުކޮށް މި ފެންނަނީ މި މުއާމަލާތުން. ވަރަށް ރިސްކު ބޮޑު މުއާމަލާތެއް މިއީ،" ސަރުވަޝް ވިދާޅުވި އެވެ. 
"އިގްތިސާދީ ބޮޑެތި އިމްބެލެންސްތަކެއް އަންނާނެ ކަމެއް މިއީ." 
އޭނާ ވިދާޅުވީ މިހާރު ވެސް އިގްތިސާދުގައި ރުފިޔާ ދައުރުވާ ވަރު އިތުރުވެ ބޭރު ފައިސާގެ ބާޒާރަށް އޮތް ނުރައްކާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ ރޭޓް ހުރީ 20ރ.އަށް އަރައިފަ އެވެ. 
މި މުއާމަލާތާ އެކު އެކަން އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. 
ޕެންޝަން ފަންޑުގެ ބޯޑުން އާ ބޮންޑު ގަތް ރޭޓްތަކާއި އެކަމާ ގުޅޭ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ. އެ ބޮންޑުގެ މުއާމަލާތުގެ ކަންކަން ދައުލަތަށް ގެއްލުން ނުވާނޭ ގޮތަށް ކުރުމަށް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި އެވެ.
ޕެންޝަން ބޯޑްގެ ޗެއާޕާސަންގެ މަގާމުން މިދިޔަ އާްދިއްތަ ދުވަހު އިސްތިއުފާ ދެއްވި، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު އިނާޒަކީ އެކަމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ސަރުކާރާ މަޝްވަރާ ކުރައްވައިގެން އާ ބޮންޑަށް އިންވެސްޓްކުރާ ފައިސާއަކީ އުފެއްދުންތެރި ކަމަކަށް ހަރަދުކުރާނޭ ފައިސާ ކަމުގެ ޔަގީންކަން ހޯދުމަށެވެ. އެކަމަކު އެކަން ނުވީ އެވެ.
ޔަގީންވާ ކަމަކީ ސަރުކާރުން މި ފައިސާ ހަރަދުކުރާނީ ރިކަރަންޓް ހަރަދު ނުވަތަ ސަރުކާރު ހިންގުމުގެ ހަރަދުތައް ފޫބެއްދުމަށެވެ. އިގްތިސާދު ފުޅާވެ ފުދުންތެރިކަން އިތުރުވުމާ ދިމާލަކަށް އެ ފައިސާ ނުދެ އެވެ. 
އެހެންވެ، މިހާރު އޮތް ބިރަކީ ޕެންޝަން ފަންޑުގެ އަގު %30-40 ވެއްޓިދާނެތީ އެވެ. އޭގެ މާނައަކީ އެވްރެޖްކޮށް ކޮންމެ މީހެއްގެ ޕެންޝަން ފަންޑުގައި ހުރި 132،000ރ. އިން 52،000ރ. ގެއްލި، ކޮންެމެ މީހެއްގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު 72،000ރ.އަށް މަދުވުމެވެ.
އެ ހިސާބުތައް އެހެން ފެންނަން އޮތްއިރު ސަރުކާރުން ބުނާގޮތަށް މުއާމަލާތް ހިންގައިގެން ޕެންޝަން ފަންޑަށް ފައިދާ ލިބޭނޭ ކަމަށް ބުނުމަކީ އޮޅުވާލުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ