ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލެއް، ބަދަލު މިހާރު ބަލައިލެވޭނެ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ބަދަލު އައީ ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން ކަމަށެވެ. އެހެން ކަމުން ކުރީން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށް ބުންޏެވެ.
މި ބަދަލާއި ގުޅިގެން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި 30 މޭ ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ގުރުނެގުން ބާއްވާފަ އެވެ. މިގޮތުން ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލް ހިމެނޭ ލިސްޓެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައީ ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ކަމަށް ކޮންސްޓަރްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރީން ވަނީ ވިދާޅުވެފަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިއުލާނު ކޮށްފަ އެވެ. 
އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ވަނީ ބާއްވާފަ އެވެ. ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް މީހުންނަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގަައި 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކޮށްފައިވީނަަމަވެސް، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ މީހުންނަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމާ ޕްލޭނަށް ބަދަލު ގެނައީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ