6 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އިއްވި 15 އަހަރުގެ ހުކުމް އަލުން ބަލަނީ

ހަ އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، މީހެއްގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމެއް ބާތިލުކޮށް، އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހިމެނެނީ މުހައްމަދު ނިޔާޒް ކިޔާ މީހެކެވެ. އެކަމަކު، މިއީ ކުޑަކުއްޖެއްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައްސަލައަކަށްވުމުން އެ މީހާގެ ނަން ފިޔަވާ ހުރިހާ މައުލޫމާތެއް ވަނީ ސިއްރުކޮށްފައެވެ. އަދި، އެ ކުއްޖާއަކީ ކާކުކަން އެނގޭނެ ހުރިހާ ލިޔުމެއް ވެސް ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން ސިއްރުކޮށްފައެވެ. ނިޔާޒްގެ މައްޗަށް ދައުލަތުން ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އެ ދައުވާ ސާބިތުވެ، ދަށު ކޯޓުން ވަނީ އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް، ނިޔާޒްގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓު: އެ ކޯޓުން ވަނީ ދަރިފުޅާ ބެހިގެން އިއްވި 15 އަހަރުގެ ހުކުމް ބާތިލުކޮށްފައި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ އޭނާގެ ފަރާތުން ބުނީ، ދަށު ކޯޓުގައި އެ މައްސަލަ ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ މިންގަނޑާ އެއްވަރަށް ހެކި ނުލިބެނީސް ކަމަށެވެ. އަދި، އެ މައްސަލަ ނިންމީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ރ އާ ހިލާފަށް ކަމަށް ވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ. ނިޔާޒްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ކުއްޖާގެ ގެއަށް ގޮސް، އެ ގޭގެ ފާހާނާ ތެރޭގައި ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި އަތްލާފައިވާ ކަމަށް ބުނެއެވެ. އޭނާގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ ކުއްޖާ ފާހާނާ ކުރުމަށް ފަހު އެ ކުއްޖާގެ ދޮއްވާނަމަ، ކުއްޖާގެ ގައިގައި އަތްނުލާ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި، ކުއްޖާ ބެލި ޑޮކްޓަރުގެ ރިޕޯޓުން ވެސް ދަރިފުޅަށް އަނިޔާއެއްވެފައިވާކަން އެނގެން ނެތް ކަމަށް ނިޔާޒް ބުނެފައިވެއެވެ. ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލަން ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މި މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ އަލުން ބަލަން ވަނީ އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މީގެ އިތުރުން، އޭނާ ވަނީ ކުއްޖާ ދެއްކި ވާހަކައެއް ދެއްކީ ކުއްޖާގެ މަންމަ ނޭދެވޭ ސުވާލުތަކެއް ކުރުމުން ކަމަށާއި އެއީ ކުއްޖާގެ ބައްޕައާ މެދު ހިތްހަމަނުޖެހިގެން މަންމަ ދިން ބަޔާނެއްކަން އެނގޭއިރު އެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށެވެ. ނިޔާޒްގެ މައްޗަށް އުފުލި ދައުވާގައި ހާދިސާ ހިނގި ތާރީޚާއި ވަގުތު ވެސް އެނގެން ނެތް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ކޯޓުގައި ބުނީ، އަތްލިކަމަށް ކުއްޖާ ބުނެފައިވުމުން އެއީ ކުއްޖާ ދޮއްވުމުގެ ތެރޭގައި ހިނގި ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އަދި، ކުއްޖާގެ މަންމަގެ ބަހުން ވެސް ހަ އަހަރުގެ ކުއްޖަކު އެ ފަދަ ވާހަކަތަކެއް ހަދަހަދައިގެން ނުދައްކާނެކަން އެނގޭ ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިވެއެވެ. އެ ވާހަކަތައް އަޑުއެހުމަށް ފަހު ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އެ ކޯޓުން އަލުން ބަލަން ތަހުވީލުކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ