ރަމަޟާންމަހަށް ޚާއްސަކޮށްގެން ވަގުތީ ޕާކިން ސަރަޙައްދެއް ހުޅުމާލޭގައި ޤާއިމްކޮށްފި

ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް ވާލިދައިން ކައިރީގައި ވަގުތީ ޕާކިން ސަރަޙައްދެއް ޤާއިމްކޮށްފިއެވެ.
މި ސަރަޙައްދު ޤާއިމްކުރުމާ ގުޅިގެން ޕާކުކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގެ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވަޒީރު އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭގެ މަގުތަކުގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމާއި، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި މި ސަރަޙައްދުގައި ގާތްގަނޑަކަށް 100 އެއްހާ ކާރު ޕާކުކުރެވޭނެއެވެ. "ރަމަޟާންމަހަކީ އާންމުކޮށް މިސްކިތްތަކުގެ ކައިރީގައި ޕާކިންގެ މައްސަލަ ވަރަށް ބޮޑުވާ ދުވަސްވަރެއް. ސުކޫލްތައް ކުޑަ ވަގުތުކޮޅަކަށް ހުޅުވާފައި ހުއްޓަސް ވަރަށް ގިނަ ޓްރެފިކް މައްސަލަ ދިމާވޭ," އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ދާއިމީ ގޮތުން ޕާކުކުރާނެ ނިޒާމެއް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ