ޣައްޒާގެ އެހީ ބަހާ ސަރަހައްދުން 70 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އެހީ ބަހާ ސަރަހައްދަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 70 މީހުން ޝަހީދުކޮށްލާ އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލައިފިއެވެ. އެ މީހުންނަކީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މައި މަގުގައި އެހީ ހޯދުމަށް އެއްވެ ތިބި ބައެކެވެ. އިސްރާއީލާއި އެމެރިކާގެ ތާއީދު އޮންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މީގެ ތިން ހަފްތާ ކުރިން އެ ސަރަހައްދުގައި ކާބޯތަކެތި ބެހުމުގެ އޮޕަރޭޝަންތައް ފެށި ފަހުން އެހީ ހޯދަން ދާ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އިއްޔެ ދިން އެ ހަމަލާތަކުގައި ޒަޚަމްވި ގިނަ މީހުންގެ ހާލު ސީރިއަސްވުމުން، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޣައްޒާގެ ނަސީރު ހޮސްޕިޓަލާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 200 އަށްވުރެ ގިނަ ވާނެ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވިއެވެ. "އިސްރާއީލުގެ ޑްރޯންތަކުން ވަނީ އާންމުންނަށް އަމާޒުކޮށް ބަޑި ޖަހާފައި. އޭގެ ކުޑަ އިރުކޮޅެއް ފަހުން އާންމުން ތިބޭ ޓެންޓުތަކަށް ބޮން ގޮއްވުމުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، ޒަޚަމްވި." ބައްސާލު ވިދާޅުވިއެވެ. އިއްޔެގެ ހަމަލާތަކުގައި 70 މީހުން ޝަހީދުވެފައިވާއިރު، މިއީ އެހީ ބަހާ ސަރަހަދުތަކުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލި ދުވަހެވެ. އޭގެ ކުރިން ހޯމަ ދުވަހުވެސް ވަނީ އެ ސަރަހައްދުގައި ތިބި 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެއި މަހުގެ 26 ވަނަ ދުވަހު ޖީއެޗްއެފް އިން ޣައްޒާގައި އޮޕަރޭޝަންތައް ފެށި ފަހުން އެހީ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް 300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އިސްރާއީލާއި އެމެރިކާއިން ބުނާ ގޮތުގައި ޖީއެޗްއެފް އަކީ މީގެ 20 މަސް ކުރިން ހަނގުރާމަ ފެށި ފަހުން މުޅި ޣައްޒާއަށް އެހީ ފޯރުކޮށްދިން އދގެ އިންސާނީ އެހީ ފޯރުކޮށްދޭ އޮޕަރޭޝަންގެ ބަދަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. އަދި އެގޮތަށް އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ޣައްޒާއަށް ފޯރުކޮށްދޭ އެހީ ހަމާސް އިން ބޭނުންކުރާތީ ކަމަށްވެސް އިސްރާއީލުން ބުނެއެވެ. ނަމަވެސް އދގެ އެޖެންސީތަކާއި އެހީދޭ ބޮޑެތި ޖަމާއަތްތަކުން ވަނީ އެކަން ދޮގުކޮށް، އިސްރާއީލުގެ އާ ނިޒާމާ ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ