ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން މީހުން ވަކި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް: ވަހީދު

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމަކީ މި ސަރުކާރުން ހޯރަފުށީގެ އާއިލާ ތަކަށް ދިން ނިކަމެތި ކަމެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ ވަހީދު އޭނާގެ ފޭސް ބުކް އެކައުންޓްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޓަލިން ޕްލާންޓްގެ މަސައްކަތް ހުއްޓުމަކަަށް ގެނައުމަށް ފެނަކަ ކުންފުނިން ނިންމި އިރު އެއީ ފެނަކައާ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ނިންމުމެއް ކަމަށެވެ."ވަޒީފާ ތަކުން މުވައްޒަފުން ވަކިކުރި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް. ވަޒީފާގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ހަވާލު ކުރުމަކީ ކުންފުނީގެ ޒިންމާއެއް..." ވަހީދު ވިދާޅުވި އެވެ.ވަހީދު އިތުރަށް ވިދާޅުވީ އެޒިންމާ ހަވާލު ނުކޮށް މުވައްޒަފުން ވަކި ކުރުމަކީ ބަލައިގަނެވޭ ސަބަބެއްނޫން ކަމަށާއި މިހާލަތުގައި އިސްތިއުފާ ދެއްވަން ފުރަތަމަ ޖެހޭނީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވުނު ކުންފުނީގެ ވެރިން ކަމަށެވެ. ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް އެ ކައުންސިލުން ވަނީ ގޮވައިލައިފަ އެވެ. އަދި މި މައްސަލައަށް އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައި އެވެ.މި މައްސަލައިގައި ފެނަކަ އިން ބުނެފައި ވަނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތަސް އަންނަ މަހު އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ފެށުމުން އިތުރު މުވައްޒަފުން ހޯދަން އިއުލާނު ވެސް ކުރާނެ ކަމަށެވެ.ފެނަކަ އިން އިތުރަށް ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ. "ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރުމުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ