ފޭސް ދޭއްގައި އަޅަމުންދާ ސްކޫލް މި އަހަރުގެ ނޮވްމެބަރަށް ނިމޭނެ: ޝަފީއު ފޭސް ދޭއްގައި އަޅަމުންދާ ސްކޫލް މި އަހަރުގެ ނޮވްމެބަރަށް ނިމޭނެ: ޝަފީއު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތް ކުރަމުންދާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ސްކޫލެއް ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލުން ޖެހިފައިވާ ކަމަށެވެ.
އެ ކަމަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ސްކޫލު މި އަހަރު ތެރޭގައި ނިންމައިލެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ދެވަނަ ފޭސްގައި ހިޔާ ފްލެޓުގެ ކައިރީގައި އަޅުގަނޑުމެން މިިހާރު ބިނާ ކުރަމުންދާ ސްކޫލް އިރާދަކުރެއްވިއްޔާމުން 54 ކްލާސް ރޫމްގެ ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެ، އަޅުގަނޑު އުއްމީދު ކުރަނީ އެ ސްކޫލް ނިމުމާ އެކީގައި ފުދޭވަރަކަށް ބޮޑު ހައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާ ސަރަހައްދުގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގައި ޕޮލްކޯ އަދި ސިފްކީ ޓަވަރުތައް ހުންނަ ސަރަހައްދުގައި ވެސް ސްކޫލެއް ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ސަރަހައްދުުގައި ވެސް ސްކޫލެއް ބިނާ ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ވިދާޅުވެފައިވާ ގޮތަށް މި އަހަރު ތެރޭގައި އަޅުގަނޑުމެން އިތުރު ދެ ސްކޫލެއްގެ މަސައްކަތް އަޅުގަނޑުމެން ފަށްޓާނަން، އެއީ ފޭސް ދޭއްގައި އެއް ސްކޫލާއި ފޭސް އެކެއްގައި އެއް ސްކޫލް، ފޭސް އެކަކަށް ބަލާލައި އިރުގައި ވެސް އަޅުގަނޑުމެންނަށް މި ސިފްކޯ، ޕޮލްކޯ، އެޕޯލޯ ޓަވަރުތައް ކައިރީގައި ސްކޫލެއް ނެތުމުގެ އުނދަގޫ މިހާރު ވަރަށް ބޮޑަށް ކުރަމުން މިދަނީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސްކޫލްތައް އަޅައި ނިމުމުން ހުޅުމާލެއިން މާލެއަށް ކިޔަވަން އަންނަ ދަރިވަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބި، އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ