ސާފް ޗެމްޕިއަންޝިޕް ފަސްކުރީ ހޯމް އެންޑް އަވޭ އަށް ބޭއްވުމުގެ ޓާގެޓް ހާސިލްކުރަން ސާފް ޗެމްޕިއަންޝިޕް ފަސްކުރީ ހޯމް އެންޑް އަވޭ އަށް ބޭއްވުމުގެ ޓާގެޓް ހާސިލްކުރަން

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ހޯމް އެންޑް އަވޭ އުސޫލުން ދެން އޮތް މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަަށް ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ޖެނުއަރީ މަހު، ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ދޮޅު މަހަށް ދިގުދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމީ، 15 ޖޫން އިން 25 ޖުލައި އަށެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތުގެ ރައިޓްސް، 2029 އާ ހަމައަށް އޮންނާނީ ސްޕޮޓްފައިވް އަށް ކަމަށް ސާފުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، އޭގެ ފަހުން، މިދިޔަ މަހު ސާފްގެ ބައްދަލުވުމަކަށް ފަހު، ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް ޖޭސްވާރު އުމަރު މެދުވެރިކޮށް، އެ ގައުމުން އިއުލާނުކުރީ، އަންނަ ޖޫން މަހު 22 އިން ޖުލައި 5 އަށް ސާފް ޗެމްޕިއަންޝިޕް ކޮލަމްބޯގައި އޮންނާނެ ކަމަށެވެ.
އެކަމަކު، ސާފް އިން ބުރާސްފަތި ދުވަހު މި ވަނީ އަންނަ އަހަރަށް މުބާރާތް ފަސްކުރީކަން އިއުލާނުކޮށްފަ އެވެ. އެ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށްޓަކައި، ވާން ޖެހޭ ތައްޔާރީތަކާ އެހެނިހެން ކަންކަމަށް ފުރުސަތު ދިނުމުގެ ގޮތުން މުބާރާތް އަންނަ އަހަރަށް ފަސް ކުރެވިފައިވާ ކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ، ސާފް ޗެމްޕިއަންޝިޕްގެ މާކެޓިން ރަައިޓްސް ނަގާފައިވާ ޖަރުމަނުގެ ކުންފުނި، ސްޕޯޓްފައިވްއާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްޕޯޓްފައިވް އިން ވަނީ މި އަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްކުރަން ބާރުއަޅައިފަ އެވެ. އެއީ، މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބޭއްވުމަށް ބޭނުންވާ މާކެޓިން ބަޖެޓް ހޯދުމާއި އެހެނިހެން ކަންކަަމަށް ބާރު އެޅުމުގެ ގޮތުންނެެވެ.
ސާފްގެ ހަތް ގައުމުން ވެސް ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ކުރިއަށްގެންދިއުމަށް ބޭނުންވާ އެއް ސަބަބަކީ މުބާރާތުގެ އަލީގައި މާލީ މަންފާއެއް ލިބުމުގެ ފުރުސަތު އޮތުމުންނެވެ. އެއީ، އަމިއްލަ ގައުމުގައި މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވެސް އެ ފޯމެޓުން ލިބޭތީ އެވެ. އެ ގޮތުން، ސާފް އާއި ސްޕޯޓްފައިވް ގުޅިގެން، މުބާރާތުގެ އިންތިޒާމުތައް ރަނގަޅުކުރަން ގިނަ ގޮތުން މަސައްކަތްކުރަން ބޭނުންވާ ވަގުތު މި ހޯދީ އަންނަ އަހަރަށް މުބާރާތް ފަސްކޮށްގެންނެވެ.
މީގެ ކުރިން، 2022 ވަނަ އަހަރު ވެސް ސާފް އިން ވަނީ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އަށް ކުޅެން ލިބިފައިވާ ޕްރޮޕޯސަލަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މާކެޓިން އޭޖެންޓެއް މެދުވެރިކޮށް ސާފަށް އެ ފަހަރު ލިބުނު ޕްރޮޕޯސަލްގައިވާ ގޮތުން އެއް މަހަށް ދިގު ދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ބަދަލުވާނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ކޮންމެ ގައުމަކަށް އަމިއްލަ ގައުމުގައި މެޗު ކުޅެން ފުރުސަތު ލިބޭނެ ގޮތަށް މި ފޯމެޓުން ފުރުސަތު އޮންނާނެ އެވެ.
މީގެ ކުރިން، މުޅިންހެން (އެއް ފަހަރު ފިޔަވައި) ސާފް ޗެމްޕިއަންޝިޕް ބޭއްވި ފޯމެޓާ ހިލާފަށް މެޗުތައް އެއް ދަނޑެއްގައި ކުޅެ، ނިންމާލުމުގެ ބަދަލުގައި ގިނަ ސަރަހައްދެއްގައި ކުޅޭ ގޮތަށް ވެސް ފުރުސަތު އޮންނާނެ އެވެ. މުބާރާތުގެ ތާރީހަށް ބަލާއިރު، 14 ފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެއް ފަހަރު ފިޔަވައި ހުރިހާ އަހަރަކު ބޭއްވީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. ދެ ގައުމެއް މެދުވެރިވެގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާ އާއި ރާއްޖޭންނެވެ.
އަންނަ އަަހަރަކީ ފީފާ ވޯލްޑް ކަޕް ވެސް ކުރިއަށްދާ އަހަރު ކަމުން، ސާފް އިން އަންނަނީ، ސްޕޯޓްފައިވްއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާނެ މުއްދަތެއް ކަނޑައެޅުމުގައި މަޝްވަރާތައް ކުރިއަށްގެންދަމުންނެެވެ. މުއްދަތެއް ފައިނަލް ވެގެންދާނީ، ސާފްގެ ގައުމުތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ