ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

ސެވިލް، ސްޕެއިން (އޭޕްރީލް 27) - އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖޫލްސް ކޫންޑޭ ޖެހި ގޯލުން 3-2 އިން ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، 2021 ވަނަ އަހަރުގެ ފަހުން ބާސެލޯނާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސްޕެނިޝް ކަޕްގެ ތަށި 32 ފަހަރު ހޯދި ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.
މިރޭގެ މެޗަށް ނުކުތްއިރު، ރެއާލުން ވަނީ މި މެޗުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ރެފްރީން ބަދަލުނުކޮށްފިނަަމަ، ރެއާލުން މެޗު ބޮައިކޮޓްކުރާނެ ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު، ރެފްރީ، ރިކާޑޯ ޑި ބާގޯސް ބެންގޮއެޓްޒާއާ އެކު ރެއާލުން މެޗު ކުޅެން އެއްބަސްވީ، ރެފްރީ ބަދަލުނުކުރަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ. މެޗުގައި ރެއާލާއި ބާސެލޯނާ އިން ވެސް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މި މެޗުގެ 28 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ޕެޑްރީ ޖެހި މޮޅު ގޯލުންނެވެ. ބާސެލޯނާގެ ލަމީން ޔަމާލް ދިން ބޯޅައަކުން، ޕެޑްރީ އޭރިއާބޭރުން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފުގައި ކީލިއަން އެމްބާޕޭ ކުޅެން ނެރެ ރެއާލުން އެޓޭކް ވަރުގަދަކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 70 ވަނަ މިނިޓްގައި، އެމްބާޕޭ ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލުން ރެއާލުން އެއްވަރުކުރުމެވެ. އަދި، އޭގެ ހަތް މިނިޓް ފަހުން، އާޑާ ގުލާ ނެގި ކޯނަރަކަށް އަރައި، އައުރެލިއަން ޗުއަމެނީ ބޮލުން ގޯލު ޖަހައި، ރެއާލަށް ލީޑުނަގައިދިނެވެ.
އެކަމަކު، ބާސެލޯނާ އިން ހިތްވަރު އެލުވައިނުލައި ކުޅެ، ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ 84 ވަނަ މިނިޓްގައި ފެރަން ޓޮރޭޒް އެވެ. މިއީ، ރެއާލްގެ ޑިފެންސް ފަހަތަށް ޔަމާލް ކުޅުނު ބޯޅައެއް ހޯދައި، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ކައިރިން ނައްޓާފައި ޓޮރޭޒް ޖެހި ގޯލެކެވެ.
އޭގެ ފަހުން، ބާސެލޯނާގެ ރަފީނިއާ އަށް ރެއާލުގެ ރައުލް އަސެންސިއޯ ކުރި ފައުލަކަށް ޕެނަލްޓީއެއް ދޭން ނިންމި އެވެ. އެކަމަކު، 90 މިނިޓް ހަމަވެގެން، އިތުރަށް ދެއްކި ހަ މިނިޓް ހަމަވާން 30 ސިކުންތަށް ވެފައި ވަނިކޮށް، ދިން މި ޕެނަލްޓީ ވީޑިއޯ އެސިިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނުދޭން ނިންމި އެވެ. އަދި، ޕެނަލްޓީ ހޯދަން ރަފީނިއާ ޑައިވް ކުރީ ކަމަށް ބަލައި، އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ.
ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، ބާސެލޯނާ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާބޭރުން ކޫންޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ތިރީ ކަނަށެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތުގައި ރެއާލުގެ ބެންޗުން ރެފްރީ، ރިކާޑޯގެ ނިންމުމަކާ ހިތްހަމަނުޖެހުން ފާޅުކުރި ގޮތަކުން، ބަދަލަކަށް ފައިބައި ތިބި، ރެއާލުގެ އެންޓޯނިއޯ ރޫޑިގާ އާއި ލޫކަސް ވަޒްކޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލްގެ މައްޗަށް ބާސެލޯނާ އިން ކުރިހޯދީ 5-2 އިންނެވެ. ސްޕެނިޝް ލީގަށް ބަލާއިރު ވެސް ރެއާލަށް ވުރެ ކުރީގައި އޮތީ ބާސެލޯނާ އެވެ.
ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް މި މެޗުން ރެއާލް މޮޅުކޮށްނުދެވުމުން، މި ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ