މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި މާނިއުގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިނިސްޓަރު ހަލީލް

މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި އަބްދުލް މާނިއުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެެވެ.
މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި، ޕައިލެޓްކަން ކިޔަވަމުންދާ މާނިއުއަށް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޮޑެތި އަނިޔާތަކެއް ވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މާނިއުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ހާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި މާނިއުގެ މަންމައާއި ބޭބެއަށް މިހާރު ފިލިޕީންސްއަށް ދެވިފައިވާ ކަމަށާއި މާނިއު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ބައްޕަ މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައި ދަރިފުޅުގެ ހާލު އޮޅުންފިލުވާ ކަމަށާއި ސަރުކާރުން އެހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރާ ކަމަށް މާނިއުގެ ބައްޕަ ބުނި ކަމަށް ވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.
މާނިއުގެ ބައްޕަ ވަނީ ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި އެކަމަށް ޝުކުރު ވެސް އަދާކުރިއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ