ސަސްޕެންޑުކުރި މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އުވާލާފައި: އެޗުޑީސީ

ގޯއްޗާއި ފްލެޓު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލައިގައި އެޗުޑީސީން މިދިޔަ އަހަރުގެ ފަހުކޮޅު ސަސްޕެންޑުކުރި މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ބާކީ ތިބި ހުރިހާ މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބުނީ ކީކޭ؟ - އެޗުޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ޖުމްލަ 17 މީހުން ސަސްޕެންޑުކުރި ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކުރިއިރު އެކަކު ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވެފަ އެވެ.
"ބާކީ ތިބި 13 މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މުވައްޒަފުންގެ ސަސްޕެންޝަން އުވައިލީ އެކި ދުވަސް މަތިން ކަމަށާއި އެމީހުން ވަޒީފާއަށް ނުކުންނަމުން އަންނަތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީގައި އެ ކުންފުނިން ބުނީ މުވައްޒަފުންގެ ވަޒީފާ އިޔާދަކުރަމުންގޮސް، އޭރު ސަސްޕެންޝަންގައި ބާކީ ތިބީ ހަތަރު މުވައްޒަފުން ކަމަށެވެ.
އެނގުން މުހިންމު - 'ބިންވެރިޔާ' ސްކީމުގެ ދަށުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއަށް ހުޅުމާލޭން ބިމެއް ދިން ކަމަށް ބުނާ މައްސަލައާ އެކު، އެ ތަނުން ނުއަގުގައި ބިންތަކެއް ވިއްކުމާއި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުއްޓައި ފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެ މައްސަލަ ނުނިމި އޮއްވާ ފަޒުލްގެ ބޭބެ ހުޅުމާލެއިން އެޕާޓްމަންޓެއް ގަނެފައިވާކަން މިފަހުން ވަނީ ހާމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ