މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 127 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޭޕްރިލް މަހު ޑެންގީ ޖެހިގެން 127 މީހުން ރިޕޯޓުކޮށްފައިވާއިރު، މާރިޗް މަހު މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 73 މީހުންނެވެ.
ޑެންގީ ހުން އިތުރުވެފައިވަނީ ރ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ދ. އަތޮޅުގަ އެވެ.
ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރީގެ ޒަރިއްޔާ އިން ކަމަށްވާއިރު، މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރަން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މިދިޔަ މަހު 127 މީހަކަށް ޑެންގީ ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ