އެމްބާޕޭ، ޔޫރަޕްގެ ރަން ބޫޓުގެ ފުރުސަތު ބޮޑުކޮށްފި އެމްބާޕޭ، ޔޫރަޕްގެ ރަން ބޫޓުގެ ފުރުސަތު ބޮޑުކޮށްފި

މެޑްރިޑް (މެއި 12) - ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަވެރި ބާސެލޯނާ ކޮޅަށް ހެދި ހެޓްރިކާ އެކު، ރެއާލް މެޑްރިޑްގެ ފޯވާޑް، ފްރާންސްގެ ކީިލިއަން އެމްބާޕޭ، ޔޫރަޕްގެ ރަން ބޫޓުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ބާސެލޯނާ ކޮޅަށް ހެދި ހެޓްރިކާ އެކު، މި ފަހަރުގެ ސްޕެނިޝް ލީގުގައި އެމްބާޕޭ ޖެހި ގޯލުގެ ޖުމްލަ އަދަދަކީ 27 އެވެ. ޔޫރަޕްގެ ރަން ބޫޓު ރޭހުގައި މި ވަގުތު އެމްބާޕޭ އޮތީ ތިން ވަނައިގަ އެވެ. އެއީ، 54 ޕޮއިންޓާ އެކު އެވެ.
ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ލިބޭ ކުޅުންތެރިއަކު ކަނޑައެޅުމުގައި، ޕޮއިންޓް ސިސްޓަމެއް އޮވެ އެވެ. އެ ގޮތުން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގު (އިނގިރޭސި ޕްރިމިއާ ލީގު/ ޖަރުމަނު ލީގު/ އިޓާލިއަން ލީގު/ ސްޕެނިޝް ލީގު/ ފްރެންޗް ލީގު) ގެ ތެރެއިން ކޮންމެ ލީގެއްގައި ޖަހާ ގޯލަކަށް ދެ ޕޮއިންޓް ލިބޭ ގޮތަށް އޮންނައިރު، ގަދަ ފަސް ލީގުން ބޭރުގެ ކޮންމެ ކުޅުންތެރިއަކު ޖަހާ ގޯލަކަށް ލިބޭނީ 1.5 ޕޮއިންޓް އެވެ.
އެ ގޮތުން، ބަލާއިރު، ރޭންކިން ކުރީގައި އޮތީ ސްޕޯޓިން ލިޒްބަން އަށް ޕޯޗުގީސް ލީގުގައި 38 ގޯލު ޖަހައި، 57 ޕޮއިންޓް ހޯދާފައިވާ ވިކްޓަ ގްޔޯކެރޭސް އެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލަށް 28 ގޯލު ޖަހައި، 56 ޕޮއިންޓް ހޯދައިގެން މުހައްމަދު ސަލާހު ދެ ވަނައިގައި އޮތްއިރު، އެމްބާޕޭ ތިން ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ. އެމްބާޕޭ އަށް އަދި ލީގުގައި ބާކީ ތިން މެޗު އެބައޮތެވެ.
ހިލޭ ޓްރާންސްފާއެއްގައި، ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވެ، އެމްބާޕޭ ވަނީ މި ފަހަރު ރެއާލާ އެކު، ޔުއެފާ ސުޕަ ކަޕް އާއި ފީފާ އިންޓަކޮންޓިނެންޝިއަލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެމްބާޕޭ ވަނީ ރެއާލުގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ލަނޑު ޖެހުމުގެ ތާރީހީ ރެކޯޑެއް ހަދައިފަ އެވެ. އެމްބާޕޭ، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ރެއާލަށް 39 ލަނޑު ހަމަކުރީ އެވެ. އެއާ އެކު، އެމްބާޕޭ އަކީ ރެއާލްގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
މީގެ ކުރިން، ފުރަތަމަ ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ، 1992/1993 ވަނަ އަހަރު ރެއާލަށް ކުޅުނު އިވާން ލުއިސް ޒަމޮރާނޯ އަތުގަ އެވެ. އޭނާ ވަނީ އެ ފަހަރު 45 މެޗުން 37 ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ