ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ހިންގުމަށް ސޮއިކޮށްފި
ހުޅުމާލޭ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އެޗްޑީސީން ބުނީ، މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީން ތަރައްގީކުރާ މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ހިންގުމަށް ސޮއިކުރުން --- ފޮޓޯ/އެޗްޑީސީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމަށްއެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ ފެބްރުއަރީ މަހު ޕްލެޖްގައި ސޮއިކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން އިންދާ އެއް މިލިއަން ގަސްތައް އިންދާނީ ހުޅުމާލޭގެ އިތުރުން ރަސްމާލެއާއި ކުޑަގިރިއާއި ތިލަފުއްޓާއި ގުޅީފަޅުގައެވެ. މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ބޭނުންވާ އަމާޒަށް ވާސިލުމަށް މަގުފަހިވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އަމާޒަކީ، ބެލުމުގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ