ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދެއްކި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީން ގޮވާލައިފި ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދެއްކި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީން ގޮވާލައިފި

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކެވި މައްސަލަ އިންސާފުވެރިކަމާއެކު ދެ ފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ގޮވާލައިފި އެވެ.
އެމްޓީޔޫސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޑިމޮކްރެސީ ކުރިއަރުވައި ގާނޫނުތައް ނަގަހައްޓައި ތަންފީޒު ކުރުމަށް ބާރު އެޅުމަށް މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑު ކަމަށެވެ.
"އަދަދު ނޫހުގެ ނޫސްވެރިންނަށް ބިރުދެއްކި ކަމަށް ކުރާ ތުހުމަތުގެ މައްސަލައިގައި އިންސާފުވެރިކަމާއެކު ދެ ފުށް ފެންނަ ތަހުގީގެއް ހިންގުމަށް އަޅުގަނޑުމެން ގޮވައިލަން. ޑިމޮކްރެސީ ކުރިއަރުވައި ގާނޫނުތައް ނަގަހައްޓައި ދެމެހެއްތުމަށް މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑު،" އެމްޓީޔޫސީގެ ޕޯސްޓުގައި ބުންޏެވެ.
ފިޔާޒުއަށް ބިރުދެއްކި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، ގެ އިރާކޮޅު 19:04 ގަ އެވެ. ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
އެ މައްސަލަ އަަދަދު ނޫހުގެ ފަރާތުން ވާނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލައާ ބެހޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
ފިޔާޒުއަށް ބިރުދެއްކި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހު ފިޔާޒު ވަނީ އެމްއެމްސީއަށް ހާޒިރު ވެސް ކޮށްފަ އެވެ. އެއަށްފަހު ރައީސް އޮފީހާ ބައްދަލު ކުރުމަށް އެމްއެމްސީން ވަނީ މިހާރު އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ