ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށް ސަޢޫދީ އަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފި

ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ސައުދީ އަރަބިޔާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ.ޢަބްދު الله ޚަލީލް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސަޢޫދާ ބައްދަލުކުރައްވައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސަޢުދީ އަރަބިއްޔާއާއި ރާއްޖެއާ ދެ ޤައުމުގެ މެދުގައި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި މިގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދު الله ޚަލީލް ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމަށްވެސް މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ