ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރި އަނަސްއަށް މަޖިލީހުން ރުހުން ދީފި ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރި އަނަސްއަށް މަޖިލީހުން ރުހުން ދީފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އަނަސްއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް އަނަސް ހުންނެވީ ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އޭނާ ޕީސީބީގެ ރައީސްގެ މަގާމަށް ރައީސް އައްޔަނު ކުރެއްވީ މާޗު 13، ގަ އެވެ.
ޕީސީބީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ފެބްރުއަރީ 13، ގައި އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ހަމްދީ ވަކިކުރަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް އޭރު ސަރުކާރުގެ އޮފިޝަލުން ބުންޏެވެ.
ރައީސް އާއި އަބްދުއްރަހީމް ގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ސަރުކާރުގެ އެކި މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް ސަފުގައި ތިބި އަބްދުއްރަހީމް އާ ގުޅުންހުރި ގިނަ ބަޔަކު ރައީސް މުއިއްޒު ވަކިކުރައްވާފައިވެ އެވެ.
ޕީސީބީގެ ރައީސްކަމަށް ރައީސް އައްޔަނުކުރެއްވި އަނަސް އަކީ އެމްއެންޔޫއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފިނޭންސްގެ ނައިބުކަމުގެ އިތުރުން އެޗްޑީސީގެ މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ