މުސްލިމުންނަކީ ކެނޑިނޭޅި ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދަންޖެހޭ ބައެކެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް ދުޢާކުރުން އޮތީ ހައްދަވައި ދެންގުޅުއްވަވާ އަހަރެމެންގެވެރި ރައްބަށެވެ.
ދިމާވާކަމަކާއި ގުޅިގެން ވަގުތުން ދުޢާކުރަން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން ދުޢާކުރާށެވެ. ދެއަތް އުފުލައިގެންވެސް ނުއުފުލައިވެސް ދުޢާކުރާށެވެ. އެކަނި ހުރިނަމަ އަޑުހަރުކޮށްނާއި އަޑު މަޑުކޮށްވެސް ދުޢާކުރާށެވެ. މީސްތަކުންގެ ތެރޭގަ ހުންނަންޖެހުންފަދަ ކަމެއް މެދުވެ ދޫތަޅުވަން އުނދަގޫވެއްޖެ ނަމަ ހިތުންވެސް ދުޢާކުރާށެވެ. ހިތުން ދުޢާކުރުމަކީ ހިތަށް އަރުވައިލުމެވެ.
އެންމެ މުހިންމު އެއް ކަމަކީ ކިތަންމެ ކުޑަކުޑަ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެއީ ހަމައެކަނި ދުލުން ބުނެލާބަހަކަށް ނުހެދުމެވެ. ދުޢާކުރަން ބަސްބުނުމުގައި ފަރުވާކުޑަނުކުރުމެވެ. ތިމާ ދުޢާ ކުރަނީ ތިމާގެވެރި ރައްބަށްކަން ދެނެހުރެ އެ ރޫޙުގައި ދުޢާކުރުމެވެ.
ދުޢާކުރެވެން މިހައި ފަސޭހަ މަގުތައް، ގޮތްތައް ހުރި ނަމަވެސް، ޚާއްޞަ ކަމަކަށް އެދިގެން ދުޢާ ކުރާނަމަ އެއީ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ! ދުޢާކުރުމަކީ ހަމަ ހުރެފައި ކޮށްލާ އާދައިގެ ކަމަކަށް ނުހަދާށެވެ. އެހެނީ ދުޢާ ކުރުމުގެ ކުރިން ވުޟޫކޮށް ދެ ރަކްޢަތް ނަމާދެއް ކުރުމަށް ރަސޫލް (ﷺ) ހަދީޘްފުޅު ކުރެއްވެވިކަން ސާބިތުވެފައިވާތީއެވެ.
މިގޮތުން ކުރާ ނަމާދުގެ ރުކޫޢުގައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އަދި ސަޖިދައިގައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ. ސަޖިދައަށް ދިއުމަށްފަހު ކިޔަންޖެހޭ ޛިކުރު 3 ފަހަރު ކިޔުމަށްފަހު އެމީހަކު ބޭނުން ކަމަކަށް އެދި ދުޢާކުރާށެވެ. ޙަދީޘްފުޅުގައި އޮތީ ދުޢާކުރުމަށެވެ. ޢަރަބިބަހުން ދުޢާކުރުމަކަށް ނެތެވެ. ވީމާ ތިމާ ކުރަން ބޭނުންވާ ދުޢާ ޢަރަބި ބަހުން ކުރަން ނޭނގިގެން ދުޢާނުކޮށް ހުރުމެއް ނެތެވެ. ބަސްބަހީވެސް ﷲ ތައާލާގެ މަޚްލޫޤެކެވެ.
ދުޢާ ކުރުމަށް ރޭގަނޑުގެ ތިންބައިން ފަހުބައި ޚާއްޞަކުރާށެވެ! އެންމެ މަތިވެރި ވަގުތަކީ އެއީއެވެ. ސަޖިދައިގައި އޮވެ އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަނުކުރައްވަވައި ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދުޢާކުރަނީ ކުދަކުޑަ ކަމަކަށް ކަމަށް ހީކުރެވުނަސް ދުޢާކުރާއިރު ސަމާލުކަންދޭންޖެހޭނެ ކަންކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ