އީދުގެ ހަރަކާތްތައް ދީނުގެ އިމުން ބޭރު ނުކުރަން އެލްޖީއޭން ކައުސިލްތަކަށް އަންގައިފި

އަންނަ ހުކުރު ދުވަހު ފާހަގަ ކުރާ ބޮޑު އީދުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަކީ، އިސްލާމް ދީނުގެ އިމުން ބޭރު ނުވާނެ ގޮތަށް ބާއްވާ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އން ކައުންސިލްތަކަށް އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބައެއް ރަށްރަށުގައި މީގެ ކުރިން އިސްލާމް ދީނާ ބީރައްޓެހި ބައެއް އަމަލުތައް އީދު ފާހަގަ ކުރުމުގެ ގޮތުން ކުރާތީ ބައެއް ދީނީ އިލްމްވެރިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެފަދަ ކަންކަން މިފަހަރު އީދުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއި ކުރައްވައި އެ އޮތޯރިޓީން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދެންނެވުމެއް ފޮނުވާފައިވެ އެވެ.
ތަފްސީލު - އެލްޖީއޭގެ ދެންނެވުމުގައި ބުނީ:
ކައުންސިލުތަކުން ފާހަގަކުރާ ދުވަސްތަކުގެތެރޭން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ދުވަސް؛ އީދަކީ ދީނީގޮތުން އިސްލާމީ އުންމަތުގައި ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ މުނާސަބަތެއް
އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުން  އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވާ އާލާކުރުމާއި ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުމަކީ ވެސް އީދު ފާހަގަކުރުމަގެ މައިގަނޑު މަގުސަދެއް
"އެހެންކަމުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުސޫލުތަކުގެ ތެރޭން ކަންކަން ކުރުމަކީ ކައުންސިލުތަކަށް ގާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ގާއިމް ކުރުމުގެ ޒިންމާގެ ތެރޭން ކުރައްވަންޖެހޭ ކަމެއްކަމުގައި މި އޮތޯރިޓީން ދެކެމެވެ." އެލްޖީއޭގެ ދެންނެވުމުގައި ބުނެފައިވެ އެވެ.
އެއާއެކު އެ ދެންނެވުމުގައި ބުނީ:
ކައުންސިލުތަކުން އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތް ތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރައްވަންވާނެ ކަމަށް 
ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށް ވެސް އިލްތިމާސްކޮށްފައިވޭ
"ވީމާ، އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް މި އަހަރު އަލްހާ އީދު ފާހަގަކުރުމަށް ކައުންސިލުތަކުން ހިންގަވާ ހަރަކާތްތަކަކީ އިސްލާމް ދީނުގެ އިމުން ބޭރުނުވެ، އަދި މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވެ އާންމު މަސްލަހަތު ރައްކާތެރިކޮށް ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް،" ދަންނަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ