ފިޗް އިން ރާއްޖޭގެ ރޭޓިންގް 'ސީސީ' ގައި ދަމަހައްޓައިފި

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ‘ސީސީ’ ގައި ދަމަހައްޓައިފިއެވެ.
'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ.
މިދިޔަ އޮގަސްޓް މަހުވެސް ރާއްޖެއަށް ސީސީ ރޭޓިން ދީފައުވާއިރު، އެ މަތިނުކޮށް ދަމަހައްޓަން ނިންމައި ފިޗުން ނެރުނު ރިވިއުގައި  ވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތްކަން ފާހަގަކޮށްފައެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ބުނެފައިވެއެވެ. 
އެހެން ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއަރަމުން އަންނާތީ އާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުގެ ފައިދާ ކުރާނެކަންވެސް ފާހަގަކޮށްފައިވެއެވެ.
މި ރޭޓިން އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް 9.4 އިންސައްތަ އިތުރުވެފައިވާއިރު، އެކަމުން، 2025 ވަނަ އަހަރަށް ފިޗްއިން ލަފާކުރާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން (ޖީ.ޑީ.ޕީ.) ގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމަށެވެ.
އަދި މި އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަން ފެށުމާއެކު، 2026 ވަނަ އަހަރު ޖީ.ޑީ.ޕީ.ގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ. 
މިމަހު 5 ވަނަ ދުވަހާ ހަމައަށް، ރާައްޖޭގެ އޯވަރޯލް ފިސްކަލް ސަރޕްލަސް ހުރީ 1.1 ބިލިއަން ރުފިޔާގައެވެ. އެއީ  އާމްދަނީ ރަނގަޅުވެ، ހަރުދަނާ ބަޖެޓު ކޮންޓްރޯލްތަކެއްގެ ތެރެއިން ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ގެނައުމުގެ ސަބަބުން ކަމަށާ، އެއަރޕޯޓް ޓެކުހާއި ފީތައް، ގްރީން ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މުރާޖަޢާކުރުން ފަދަ އާމްދަނީގެ އައުސިޔާސަތުތަކުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ހިމެނޭގޮތަށް، އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.
މީގެ އިތުރުން، މިހާތަނަށް ތަންފީޒުކޮށްފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، އިންވެސްޓްމަންޓް މާޙައުލު ހަރުދަނާވެ،ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ބުންޏެވެ.
ބޭރު ފައިސާއާ ގުޅޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާމާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވާކަން ފިޗް ރޭޓިންގ އެކްޝަނުން ދައްކައިދެއެވެ. މި ފައިސާގެ އިސްލާހުތަކުގެ ސަބަބުން، އޭޕްރީލް 2025 ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވް 856.3 މިލިއަން އެމެރިކާ ޑޮލަރަށްއަރާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ