ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީ ގޮވައިގެން ފަސްޓް ލޭޑީ ކޯޓަށް ދަނީ ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީ ގޮވައިގެން ފަސްޓް ލޭޑީ ކޯޓަށް ދަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ކޯޓަން ދާން ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ނިންމަވައިފި އެވެ.
ރައީސްގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު ވިދާޅުވީ ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެ ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލަން ރައީސްގެ އާއިލާއިން ނިންމާފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ކުދިންގެ މަންމަގެ ހައިސިއްޔަތުން ސާޖިދާ މުހައްމަދު ނިންމަވާފައި އޮތް ނިންމެވުމަކީ ޖިނާއީ މައްސަލަތަކެއްގެ ދައުވާ ކުރިއަށް ގެންދަވާކަށް ނޫން. އެ ކަންތައްތައް އެއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދަވައިފި ކަމަށް ވަންޏާ އެ ބޭފުޅުންގެ މަސައްކަތަކަށް ހަވާލު ކުރައްވާފައި މަދަނީ މައްސަލަތަކުގެ މަދަނީ ބައިތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި އޮންނާނީ އަދި މިހައި ހިސާބަށް މަދަނީ ގޮތުން އަޅާނެ ބައެއް ފިޔަވަޅުތައް ވެސް ނިންމާފައި ހުންނާނެ ވާހަކަ ދަންނަވަން،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާ އުފުލަން ނިންމާފައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކި، މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީއާ ދެކޮޅަށް ކަމަށެވެ.
އެ ދައުވާތައް އުފުލަން ނިންމާފައި ވަނީ ރައީސްގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ހައްގުތައް ގެއްލި އެ ބޭފުޅުން ނުރައްކަލަށް ހުށަހެޅިގެން ދިޔައީމާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަމަވެސް ދައުވާ ބައްޓަން ކުރައްވާނެ ގޮތެއް، ނުވަތަ ދައުވާ ކުރަނީ ސީދާ ކޮން ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިގެން ކަމެއް އާޒިމާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މި މައްސަލަ އަދިވެސް ދިރާސާ ކުރަމުން ދާތީ އެކަމާ ބެހޭ އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ