ދަރިން ނުރަނގަޅު މަގުން ދިއުމާ އިޞްލާޙް ނުކުރެވުމުގެ އެންމެ ބޮޑު ޒިންމާ އުފުލަންޖެހޭނެ އެންމެ ބޮޑު ޝައިޚަށް އެކަމުގެ ޒިންމާއިން ރެކެވޭނެ ގޮތެއް ނެތް!: ޑރ. ނޫމާން ޢަލީ ޚާން

އަހުރެންގެ ދަރިފުޅު ބަރާބަރަށް ސްކޫލަށް ގެންދަމެވެ. ކިޔަވަން ޔުނިވަރސިޓީއަށް ފޮނުވަމެވެ. ބުނެލުމަކުން ނުފުދޭނެއެވެ. ދަރިފުޅުގެ އެންމެ މުހިންމު ސްކޫލް، ޔުނިވާސިޓީއާއި އަދި އެންމެ ބޮޑު އުސްތާޛާއި ޝައިޚަކީ ކާކުކަން، ކޮންބައެއްކަން އެނގެންވެސް އެބަ ޖެހެއެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނީ އެކަންކަން އެނގި ޤަބޫލުކުރާ މީހަކަށެވެ. ބައަކަށެވެ. ޢާއިލާތަކަށެވެ.
ބައެއް މައިންބަފައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ދަރިންނަކީ އިސްލާމް ދީނަށް ލޯބިކޮށް އަދި ޢަމަލުކުރާ ބައަކު ކަމަށް ހެދޭނީ އެހެން ބައަކަށް ކަމަށެވެ. ކިޔަވައިދޭ ތަންތަނާއި އުސްތާޛުންނަށް ކަމަށެވެ. ނަމަވެސް މިއީ މުޅިން ކުށްހީއެކެވެ.
ދަރިންގެ އެންމެ ބޮޑު ޝައިޚުންނަކީ އެކުދިންގެ މައިންބަފައިންނެވެ. 99 އިންސައްތަ ޒިންމާ އުފުލަންޖެހޭނީ މައިންބަފައިންނަށެވެ. އެހެން އެންމެންނަށް އުފުލަންޖެހޭނީ 1 އިންސައްތައިގެ ޒިންމާއެވެ.
ފެންވަރު ރަނގަޅު ސްކޫލްތައް ހިންގިޔަސް ކިތަންމެ ފެންވަރު ރަނގަޅު، ޤާބިލް އުސްތާޛުންނާއި ޝައިޚުން ކިޔަވައިދިނަސް ގޭތެރެއިން މި މައްސަލަ ޙައްލު ނުކުރާހައި ހިނދަކު މި މައްސަލައަށް ޙައްލެއް ނުހޯދޭނެއެވެ. މިކަމަކީ ކުއްޖާގެ ޅަފަތުގައި އުނގަންނަިދޭންޖެހޭނެ ކަންކަމެވެ. ވީމާ ގޭތެރެއިން ކުދިންނަށް އެކުދިންގެ އެންމެ ޅަފަތުގައި މިކަންކަން އުނގަންނައިދޭންޖެހޭނެއެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ދަރިންގެ ޢުމުރުން 13،14 އަހަރަށް އެޅިގެން އަންނައިރު ހުންނާނީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައެވެ. ގޭތެރެއިން ފެނުނު ކަންތައްތަކެވެ. މައިންބަފައިން ދީނަށް ޢަމަލުކުރާ މިންވަރެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމްކުރާ މިންވަރެވެ. އެކުދިންނާއިމެދުގައި ޢަމަލުކުރަމުން އަންނަ ގޮތެވެ. އެކުދިންނަށް ގޭތެރެއިން ދަސްވި ކަންކަމުގެ އަސަރު އެކުދިންގެ ކިބައިން ބޭރުވާން ޢާންމުގޮތެއްގައި ފަށާނީ ޢުމުރުން 15 ވަރަކަށް އަހަރުވުމުންނެވެ.
މައިން ބަފައިން ކުޅޭ ކުޅިވަރުތައް ކުޅެން ކުދިން ޝައުޤުވެރިވޭ ނޫން ހެއްޔެވެ؟ އެހެންވީމާ ދީނުގެ ކަންކަމުގައިވެސް ވާނީ ހަމައެގޮތެވެ. އަދިވެސް ވިސްނާށެވެ! ބެލެނިވެރިންގެ މައިންބަފައިން އެމީހުން ކުޑައިރު ކަންކަން ކުރިގޮތުން މައިންބަފައިންނަށް ކުރި އަސަރު ތިމާމެންގެ ދަރިންނަށްވެސް ކުރާނެކަން ވިސްނަންވާނެއެވެ. ތިމާމެންނަށް ލޯބިދީ ތަޢްރީފްކުރުމުން އުފާވިފަދައިން ތިމާމެންގެ ދަރިންވެސް އުފާކުރާނެއެވެ. ނުބައި ބަސްތައް ބުނެ ހިތުގައި ޖެއްސުމުން ދެރަވިފަދައިން އެކުދިންވެސް ދެރަވާނެއެވެ.
--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ