ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަބްދުއްރަހީމް ގޮވައިލައްވައިފި

ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވައިލައްވައިފިއެވެ.
ައެމަނިކުފާނު މިކަމަށް ގޮވައިލެއްވީ، މިހާރު އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައެވެ.
އައި.ޕީ.ޔޫ.ގެ މިފަހަރުގެ އެސެމްބްލީގެ މައުޟޫއު ކަމަށްވާ ”އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު“ މި މައުޟޫޢަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރަށްވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ފާހަގަކުރެއްވިއެވެ.
އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ޤާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަދި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރުމަށް ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އަބްދުއްރަހީމް ވާހަކަފުޅުދައްކެވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިޤްތިޞާދީ ބާރުވެރިކަން ކުރިއަރުވައި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ފާހަގަކުރެއްވިއެވެ.
އަދި، ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަޖިލީހުގެ ރައީސްވަނީ، ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވަރނަންސްއަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، މިފަދަ ނާޒުކު ޤައުމުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައި.ޕީ.ޔޫ.ގެ މެމްބަރުންނަށް އިލްތިމާސްކުރައްވައި، މޫސުމީ އިންސާފު ގާއިމުކުރުމަށް ގޮވާލެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވަމުން، އެއްބައިވަންތަކަމާއި މަޝްވަރާއާއި ސިޔާސީ ޢަޒުމް އާކުރުމަށް ގޮވާލައްވައި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ކަރާމާތްތެރިކަމާއެކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމަށް ޤާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސްކުރެއްވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ