ގޫގުލްއިން އާ އޭއައި މޮޑެލްތަކެއް ތަޢާރަފުކޮށްފި

ގޫގުލްއިން އާ އެއި މޮޑެލްތަކެއް ތަޢާރަފުކޮށްފިއެވެ. ބުދަ ދުވަހު ގޫގުލްއިން ޖެމާ 3 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކެއް ތަޢާރަފުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޯގަސްޓު މަހު ތަޢާރަފުކުރި ޖެމާ 2 ސީރީޒްގެ ފަހުގެ ވާޝަނެވެ. މި އާ އޯޕަން-ސޯސް މޮޑެލްތަކުގައި ޓެކްސްޓް އަދި ވިޝުއަލް ރީޒަނިން ޤާބިލިއްޔަތު ހިމެނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި މި މޮޑެލްތަކުން 35 އަށްވުރެ ގިނަ ބަސްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި އިތުރު 140 ބަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިން-ޓިއުން ކުރެވިދާނެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ މި މޮޑެލްތައް އެންމެ ޖީޕީޔޫ އެއްގައި ނުވަތަ ގޫގުލްގެ ޓެންސާ ޕްރޮސެސިން ޔުނިޓް (ޓީޕީޔޫ) އެއްގައި ރަން ކުރެވޭ ގޮތަށް އޮޕްޓިމައިޒް ކުރެވިފައިވާކަމަށް ގޫގުލްއިން ބުނެފައިވާކަމެވެ. ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި އާ ކުޑަ ލޭންގުއޭޖް މޮޑެލްތަކުގެ (އެސްއެލްއެމް) ތަފުޞީލު ހިއްސާކޮށްފައިވާއިރު، ގޫގުލްއިން ބުނީ މި މޮޑެލްތައް ބިނާކޮށްފައިވަނީ އެ ކުންފުނީގެ ފްލޭގްޝިޕް ޖެމިނައި 2.0 މޮޑެލްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ. ޖެމާ ސީރީޒްއަކީ އޯޕަން-ސޯސް އަދި ޑިވައިސްގައި ރަންކުރެވޭ ޕާފޯމަންސް ދިނުމަށް މަޝްހޫރު މޮޑެލްތަކެކެވެ. ގޫގުލްއިން ހާމަކުރި ގޮތުގައި މިހާތަނަށް ޖެމާ މޮޑެލްތައް 100 މިލިއަނަށްވުރެ ގިނައިން ޑައުންލޯޑު ކުރެވި، 60،000 އަށްވުރެ ގިނަ ވޭރިއަންޓް އުފައްދާފައިވެއެވެ. ގޫގުލްއިން ބުނާ ގޮތުގައި ޖެމާއިން މެޓާގެ ލަމާ-405ބީ، ޑީޕްސީކް-ވީ3، އަދި އޯޕަންއޭއައިގެ އޯ3-މިނީ އޭއައި މޮޑެލްތަކަށްވުރެ ރަނގަޅު ޕާފޯމަންސްއެއް އެލްއެމް އެރީނާގެ ލީޑަބޯޑުގައި ދައްކައިދެއެވެ. މި މޮޑެލްތައް ލިބެން ހުންނާނީ ހަތަރު ސައިޒެއްގައެވެ. އެއީ 1ބީ، 4ބީ، 12ބީ، އަދި 27ބީ ޕެރަމީޓަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ