ﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ފޭރާން ލައިއުޅޭ މީހުން ބިރުވެތިވާންވީ އެފޭރާމުގަ ﷲ ތަޢާލާގެ ކުރިފުޅުމަތީގަ ހުއްޓިހުންނަން ޖައްސަވައިފާނެ ވަޤުތައް! ލަދާ ބިރުން ފުނޑުފުނޑު ނުވާނެތަ؟

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންގެ އެންމެ ތުއްތު ޢުމުރުފުރާއިން ފެށިގެންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ މަގުން ފޭރާން ލައްވާށެވެ. އެގޮތުގައި ތަރުބިއްޔަތުކުރާށެވެ. ބޮޑުވުމުން ވުސްނައިދިނުން ފަސޭހަކަމަކަށް ނުވާތީއެވެ. އެއީ ރަނގަޅު ގޮތްނަމަ ކުޑައިރު އެގޮތަށް ފޭރާން ނުލެއްވެވީ ކީއްވެގެންކަމާއިމެދު ސުވާލުވެސް ކުރާނެތީއެވެ.  
ހަމައެއާއިއެކު ނަފްސާނީ ބަލީގެ ކަންތައް ބޮޑުވެގެން ދިއަވަރުން މިއަދު ދަރިއަކު ލައިގެން ހުރި ހެދުމަކީ އަޢުރަ ނިވާނުވާ ހެދުމެއްކަމުގައިވީނަމަވެސް އެވާހަކަވެސް ބުނެފިނަމަ ނަފްސާނީ ބަލިޖެހި ޑޮކްޓަރުންނަށް ދައްކަންޖެހޭ ޙާލަތަށް ކަންކަން އެބަދެއެވެ. ވީމާ ދަރިންނާއި ވާހަކަދައްކަންޖެހޭނީ ވަރަށް ވިސްނައިގެންނެވެ.  
އެކަމަށް ކުރެވިދާނެ ނުވަތަ ވާހަކަ ދެއްކިދާނެ މަގެއް އެބައޮތެވެ. އެއީ އަޢުރަ ނިވާވާފަދަ ހެދުން ލައިގެން ހުއްޓައި ފެނުމުން ތިއަ ހެދުމުގައި ދަރިފުޅު މާރީތިކަމަށް ބުނުމެވެ. ބުނާށެވެ! "ލޯބިވާ ދަރިފުޅާއެވެ! ކުޑައިރުވެސް ޒުވާންއިރުވެސް ހެދުން ލާންވާނީ ދަރިފުޅު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ގޮތަށެވެ. ދަރިފުޅަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ކުރަން ބޭނުންވާ ކަންކަން ކާމިޔާބުވާނީ އެއިރުންނެވެ."  
ބޮޑެތި މީހުންވެސް ވިސްނައިލާށެވެ! ދުނިޔޭގައި ތިބާ ފޭރާން ލައި އުޅުނީ އަޢުރަ ނިވާނުވާ ގޮތަށެވެ. ފޭރާންލީ ނަމަވެސް ﷲ ތަޢާލާގެ މިންގަނޑުން ބަރަހަނާ ކަމުގައި ހުންނަ ގޮތަށެވެ. ތިބާ މަރުވީއެވެ. ބަރުޒަޚުގެ ދުވަސްތައް ނިމި އާޚިރަތް ދުވަސް ބައްދަލުކުރީއެވެ. ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުންނަން ޖެހުނީއެވެ.  
އެވަޤުތު ތިބާ ދުނިޔޭގައި ލައިއުޅުނު އަޢުރަ ނިވާނުވާ ފޭރާން ތިބާގެ ގައިގައި ﷲ ތަޢާލާ ލައްވަވައިފިނަމަ ތިބާއަށްވާނީ ކިހިނެއްހެއްޔެވެ؟ ދެރައެއް ނުވާނަން ހެއްޔެވެ؟ އެކަމުން ސަލާމަތްވާން ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ ދުނިޔޭގައި މިވެނި އެވެނި ބައަކުވެސް ފޭރާން ލައި އުޅުނީ މިގޮތަށް ކަމަށް ދަންނަވައިގެން ތިބާއަށް ސަލާމަތްކަމެއް ލިބޭނެ ހެއްޔެވެ؟  
އެކަމެއް ނުވާނެއެވެ. ދުނިޔޭގެ އެންމެން އެހެންގޮތަކަށް އުޅުނަސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެގެން މެނުވީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް ސަލާމަތްކަމެއް ނުލިބޭނެއެވެ. އެދުވަހުގެ ޤާނޫނަކީ ޤުރްއާނެވެ. އެންމެންގެ މައްޗަށްވެސް ޙުކުމް ކުރައްވަވާނީ ﷲ ތަޢާލާއެވެ.  
އެކުވެރިންނަށް ނުވަތަ ގާތް މީހުންނަށް ނަމަވެސް ކުރެވޭ ކުށްތަކުގެ ވާހަކަ އެމީހުންގެ ގާތުގައި ދައްކައި ވިސްނައިދޭން މަސައްކަތްކުރާށެވެ. މީސްތަކުންނަށް ނުބައި ނަޞޭޙަތް ދިނުމުން ފާފަވެރިވާ ފަދައިން ހެޔޮ ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުމުން ޘަވާބު ދެއްވަވާނެތެވެ. ވީމާ އަޢުރަ ނިވާނުވާ ގޮތަށް ފޭރާންލާނަމަ އެކަން އޭނާއަށް ވިސްނައިދީ އިބްލާޙްކުރުވޭތޯ މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
 
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ