ކުރާނޭ މަސައްކަތެއް އޮތް، ހަށިގަނޑުގައި ވަރުހުރި މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ: ޚުތުބާ

ކުރާނޭ މަސައްކަތެއް އޮވެފައި ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 
ޒަކާތާއި އިގްތިޞާދާއި އޮތް ގުޅުމަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ޒަކާތުގެ މުހިންމުކަމާއި އިސްލާމްދީނުގދީނުގައި މުދަލާމެދު ކަނޑައަނޑައަޅުއްވާފައިވާ އުސޫލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެގޮތުން ޚުތުބާގައި ބުނީ، ފަޤީރުކަމަކީ އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށާއި، އަބުރުވެރި އިންސާނަކު އެކަމާ ކުރިމަތިލާން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު މީހުންނަށް އެފަދަ ހާލަތާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. 
Advertisement
"މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. އެހެނަސް ކޮންމެ ކޮންމެ މީހަކު މި ފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެއެވެ. އިސްލާމް ދީނުގައި ޝަރުޢުކުރައްވައިފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ،" ޚުތުބާގައި ބުނެފައިވެއެވެ. 
ޚުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައިވެއެވެ. މި ފަލްސަފާގައި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله ސުބުޙާނަހޫ ވަތަޢާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި ފަރާތް ކަމަށް ބުނެފައިވެއެވެ.
"އެހެންކަމުން މުދާ ހޭދަކުރާންވާނީ އެ މުދާ ދެއްވި ފާރަތްކަމުގައިވާ الله ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވާ ގޮތަށެވެ،" ޚަތީބު ވިދާޅުވިއެވެ.
މި ޚުތުބާގައި އިތުރަށް ބުނީ، އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒުޤު ހޯދުމަށް ކަމަށެވެ.
ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَـحِلُّ الصَّدَقَةُ لِغَنِيٍّ وَلَا لِذِيْ مِرَّةٍ سَوِيٍّ) މާނައީ: "މުއްސަނދި މީހާއާއި ހަށިގަނޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަވެގެން ނުވެއެވެ." 
ހުކުރު ޚުތުބާ
އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތިގައި، ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙުސާންތެރިކަމެއްނޫނެވެ. އެއީ، މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްޤުވެރީންނަށް އަދާކުރާންޖެހޭ ޙައްޤެކެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طَاهِرُ ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صَدَقَاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!"
ޚުތުބާގައި ބުނީ ފުރަތަމަ ޚަލީފާ أَبُو بَكْرِ نِالصِّدِّيْقُ رَضِيَ اللهُ عَنْهُ ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވައިފައިވަނީ މި މަތިވެރި ވާޖިބު އަދާކުރެއްވުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ