"ދިވެހިރާއްޖޭގެ އާ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަސަައްކަތް ކުރާނެ."
އެއީ، އެމެރިކާގެ ނިއުޔޯކުގައި ސެޕްޓެމްބަރު 24، 2009، ގައި ބޭއްވި، އދ. ގެ އާންމު މަޖިލީހުގެ 64 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ އެއިރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ހައްސާސް ވާހަކަކޮޅެވެ.
އެއަށްފަހު ފެނުނީ، 35 އަހަރު ވަންދެން ރާއްޖެއިން އިޒްރޭލާއެކު ކަނޑާލާފައި އޮތް ގުޅުން ބަދަހި ކުރަން ސަރުކާރުގެ އެކި ގޮތްގޮތުން މަސައްކަތް ކުރަން ފެށި ތަނެވެ. ނަމަވެސް، އެ ގުޅުން ބަދަހި ކުރުމަކީ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވި އެވެ.
ސަރުކާރުގެ އެތެރޭންނާއި ބޭރުން ރައީސް ނަޝީދަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި އެވެ. އެތައް ސަތޭކަ ބަޔަކު ނުކުމެ އެ ގުޅުމާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ އެވެ. ނަމަވެސް ފިއްތުންތަކާއެކު ވެސް ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް ކުރިއަށް އެޅި އެވެ.
ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ފޮރިން މިނިސްޓަރަކު އަލަށް އިޒްރޭލަށް ވަޑައިގަތުމާއި އިޒްރޭލުގެ އެމްބެސަޑަރަކާ ރާއްޖޭގެ އޮފިޝަލުންތަކެއް ބައްދަލު ކުރުމާއި އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުމާއި އިޒްރޭލާއެކު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެ ސޮއި ކުރުން ހިމެނެ އެވެ.
މި ލިޔުމުގައި މި ގެނެސްދެނީ ރާއްޖެ އާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހި ކުރުމަށް ތިން އަހަރު ތެރޭގައި ކުރި މަސައްކަތާއި އެކަމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތާރީހާއި އެއިރު ކަން ހިނގައިދިޔަ ގޮތެވެ.
އިނގިރޭސީންގެ ޕްރޮޓެކްޓޮރޭޓް ނުވަތަ ހިމާޔަތުގެ ދަށުގައި 77 އަހަރު އޮތުމަށްފަހު ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުމާއެކު އެއިރުގެ ރައީސް އިބްރާހިމް ނާސިރު ބެއްލެވީ ރާއްޖެ ދުނިޔެއަށް ހުޅުވާލުމަށެވެ.
ރާއްޖެ މިނިވަންވުމާއެކު، ދިވެހި ދައުލަތް އެންމެ ފުރަތަމަ ބަލައިގަތީ އިނގިރޭސިވިލާތާއި ސްރީ ލަންކާ އެވެ. އެއަށްފަހު އިޒްރޭލެވެ. ދިވެހިރާއްޖޭގެ ރައީސްއަށް އެންމެ ފުރަތަމަ ފަތްކޮޅު އެރުވީ ވެސް އިޒްރޭލުގެ އެމްބެސަޑަރު ކަމަށްވެ އެވެ.
ރާއްޖެ އާއި އިޒްރޭލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމުން، އޭގެ ބަދަލުގައި މިސްރު ސަރުކާރުން ރާއްޖެއާ ގުޅުން ބަދަހި ކުރުމަށް ދެކޮޅު ހެދި އެވެ. އެއިރު މިސްރާއި އިޒްރޭލުގެ ގުޅުން އޮތީ ވަރަށް ގޯސްކޮށެވެ. އެއިރު އިޒްރޭލުން އުޅެނީ މަޝްހޫރު ހަ ދުވަހުގެ ހަނގުރާމަ ފަށައި، މިސްރުގެ މެޑެޓެރޭނިއަން ކަނޑާއި ރަތް ކަނޑާ ދެމެދު އޮންނަ މިސްރުގެ ސައިނާއީ ޕެނިންސުއޭލާ ހިފައިގެންނެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި އެންމެފަހުން ރާއްޖެއިން ވެސް ބުރަވީ މިސްރަށެވެ. އަދި ދިވެހި ސަރުކާރުން އިޒްރޭލާއެކު ގާއިމްކޮށްފައި އޮތް ގުޅުން 1974 ވަނަ އަހަރު ސަސްޕެންޑު ކުރި އެވެ. ގުޅުން ސަންޕެންޑު ކުރި ސަބަބު ރަސްމީ ލިޔެކިޔުންތަކުން މި ވަގުތު ނުފެނުނު ނަމަވެސް ޖޯޖިއާގެ އޮގަސްޓާ ޔުނިވާސިޓީގެ ތާރީހު ދިރާސާ ކުރައްވާ ޕްރޮފެސަރު މައިކަލް ބިޝްްކޫ ލިޔުއްވާފައި ވަނީ، ރާއްޖެއިން އިޒްރޭލާއެކު ގުޅުން ކަނޑާލީ ސައިނާއީ ސަރަހައްދު ހިފައިގެން އުޅުނު މައްސަލައިގައި ކަމަށެވެ.
ދިވެހިރާއްޖެއިން އިޒްރޭލާއެކު ގުޅުން ގާއިމް ކުރާނެ ކަމަށް ނަޝީދު އިއުލާނު ކުރެއްވުމުގެ ކުރިން އެކަން ރައްޔިތުންނަށް ހާމަ ކުރެއްވީ އެއިރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ސެޕްޓެމްބަރު 15، 2009 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ، ރާއްޖެއިން 1965 ވަނަ އަހަރު އިޒްރޭލާއެކު ގުޅުން ގާއިމް ކުރި ފަހުން ދުވަހަކު ވެސް އެ ގުޅުން ކަނޑާލާފައިނުވާ ކަމަށެވެ.
"އެންމެ ފުރަތަމަ ފަތްކޮޅު ހިފައިގެން ވަޑައިގެންނެވީ އިޒްރޭލުގެ ސަފީރު. އަޅުގަނޑުމެންގެ ހާރިޖިއްޔާ އެއްވެސް ރެކޯޑެއް ނެތް އިޒްރޭލާ ގުޅުން ކަނޑާލިކަމުގެ. ވަރަށް މަސައްކަތްކޮށްފިން އިޒްރޭލާ ގުޅުން ނެތް ކަމުގެ ރެކޯޑެއް ލިބޭތޯ،" ޝަހީދު ވިދާޅުވެފައިވެ އެވެ.
އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެކަން ޝަހީދު އިއުލާނު ކުރެއްވި ދުވަސް:
އަރަބި ބައެއް ގައުމުތަކުން ވެސް އިޒްރޭލާއެކު ގުޅުން ގާއިމްކޮށްފައިވާ ކަން ފާހަގަ ކުރައްވާ ޝަހީދު ވިދާޅުވީ ރާއްޖެއިން އެ ގައުމާއެކު ގުޅުން ބާއްވަންނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"މިހެން މިދަންނަވީ ފަލަސްތީނުން ގުޅުންތަކެއް ގެންގުޅޭ އިޒްރޭލާއެކު. ދެން އެހެންމެ އަރަބި ދުނިޔެއިން ބަލާ އެއް ގައުމަކީ މިސްރު. މިސްރަކީ ވެސް އިޒްރޭލާއެކު ގުޅުންތަކެއް ގާއިމުކޮށް ބަދަހިކުރަމުން ގެންދާ ގައުމެއް. ދެން އަޅުގަނޑުމެންނާ ގާތް އެހެން ގައުމުތަކަށް ބަލައިފި ނަމަ، އަޅުގަނޑުމެންނަށް އިޝާރާތް ލިބިފައިވޭ އަޅުގަނޑުމެންނަށް އެހީދޭ އެކުވެރި ގައުމުތަކަށް މައްސަލައެއް އޮތް ކަމެއް ނޫން ކަމާ އެ ގައުމުތަކަކީ ވެސް އިޒްރޭލާ ގުޅުން ބަދަހިކުރާ ގައުމުތަކެއް ކަން. އޭގެ ތެރޭގައި ޔޫއޭއީ ގަތަރު ފަދަ ގައުމުތައް ހިމެނޭ،" އޭނާ ވިދާޅުވެފައިވެ އެވެ.
އިޒްރޭލާއެކު ދިވެހިރާއްޖެއިން ގުޅުން އދ. ގެ 64 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިއުލާނު ކުރެއްވުމުގެ ކުރިން، އެފަދަ އެއްވެސް އިޝާރާތެއް ދެއްވާފައެއް ނުވެ އެވެ. އެ އިއުލާނު ކުރެއްވުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ލިބުނީ ސިހުމެކެވެ.
އިޒްރޭލާ ގުޅޭ ގޮތުން ނަޝީދު ސީދާ ވިދާޅުވި، މައިގަނޑު ވާހަކަ ތިރީގައި އިނގިރޭސިން ނަކަލުކޮށްލާނަމެވެ.
(ހުލާސާ ތަރުޖަމާ: މި މަޖިލީހުގައި ތިބި ހުރިހާ ގައުމަކާ ރަހުމަތްތެރި އަދި ދެ ފަރާތަށް ވެސް ފައިދާ ހުރި ގުޅުން ދިވެހިރާއްޖެއިން ބަދަހި ކުރަން ބޭނުންވޭ.)
(ހުލާސާ ތަރުޖަމާ: ނަމަވެސް، އެއްވެސް ރަހުމަތްތެރިކަމެއް ބޭއްވޭނީ، އެއްބަޔަކު އަނެއްބަޔަކާ ސާދާ ގުޅުމެއް ބޭއްވޭ ނަމަ އަދި މިނިވަން އިސްތިގުލާލީ ދައުލަތެއްގެ ފަރާތުން ފެންނަން ނުވާ އަމަލުތައް ކުށްވެރި ކުރެވޭ ނަމަ.)
އިޒްރޭލާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރައްވާނެ ކަމަށް ނަޝީދު އދ. ގައި އިއުލާނު ކުރެއްވި ދުވަސް:
(ހުލާސާ ތަރުޖަމާ: އަޅުގަނޑުމެން ގަބޫލު ކުރަނީ، ބާކީ ކުރުމާއި އެކަހެރިކުރުމުގެ ބަދަލުގައި ވާހަކަ އާއި ބިނާ ކުރަނިވި ގުޅުމުން އަމަންއަމާންކަމަށް ބޮޑަށް މަގުފަހިވާނެ.)
(ހުލާސާ ތަރުޖަމާ: ދިވެހިރާއްޖޭގެ އާ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާނެ. އަދި އެ ގުޅުމުގެ ބޭނުން ހިފައި، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާ އެއްގޮތަށް އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާ ފަަދައިން، ފަލަސްތީނުގެ މުސްތަގިއްލު ބިމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާނަން.)
ނަޝީދުގެ އިއުލާނު ކުރެއްވުމާއެކު ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެކަމާ ވަގުތުން ދެކޮޅު ހެއްދެވި އެވެ. އޭގެ ތެރޭގައި ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ. އެކަން އިއުލާނު ކުރެއްވުމަށްފަހު، ނަޝީދު އޭގެ ހަތަރު ދުވަސް ފަހުން ސެޕްޓެމްބަރު 29، 2009 ގައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ އެކަމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކެވި އެވެ.
ނޫސްވެރިންނާ ދެއްކެވި ވާހަކަތަކުގައި ނަޝީދު މައިގަނޑު ދެތިން ނުކުތާއެއް ފާހަގަ ކުރެއްވި އެވެ. އެއްކަމެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ގައުމަކާ ގުޅުން ބަދަހި ނުކުރުމަކީ "ހައްދުފަހަނައެޅި" ވިސްނުމެއް ކަމަށެވެ.
"އިޒްރޭލާއެކީ ގުޅުން ބަދަހިކުރުމުގައި، ފުރަތަމަ އަނެއްކާވެސް އަޅުގަނޑުމެންގެ މައިގަނޑު ވިސްނުން. އެއްވެސް ގައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. އެއްވެސް މީހަކާ ވާހަކަ ނުދައްކައި ތިބުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. ގައުމެއްގެ ސިޔާސަތުގައި އެ ވިސްނުން ގެންގުޅުމަކީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ރަނގަޅު ގޮތެއް ނޫން. އަދި އަރަބި އިޒުރޭލު މައްސަލައަށް ހައްލެއް އެއިން ގެނެވޭނެ ގޮތެއްވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނިއު ޔޯކުން ވަޑައިގެން ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ:
ނަޝީދު ވިދާޅުވީ، ރާއްޖެއަށް އިޒްރޭލާ "ތަޅާފޮޅެން" ނެތް ކަމަށާއި ދުނިޔެއަށް އެންމެ ރަނގަޅު ގޮތަކީ ވެސް ވާހަކަ ދައްކައިގެން ފަލަސްތީނު/އިޒްރޭލު މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުމަކީ، ފަލަސްތީނަށް އެންމެ ރަނގަޅު ގޮތް ރާއްޖެއަށް ހޯދައިދެވޭނެ މަގު ހޯދުން ކަމަށް ވިދާޅުވި އެވެ.
"މީގައި އަޅުގަނޑުމެންގެ ވިސްނުމަކީ، އިޒްރޭލާ އަޅުގަނޑުމެންނަކަށެއް ނެތް ތަޅާފޮޅޭކަށް އިނގޭތޯ. ދިވެހިރާއްޖެއަކަށް ނެތް އިޒްރޭލާ ހަނގުރާމަ ކުރެވޭކަށް. އަޅުގަނޑުމެންގެ އެކަހަލަ ގާބިލު ކަމެއް ނެތް. އަދި އަޅުގަނޑުމެން ނުވެސް ދެކެން ހަނގުރާމައަކުން އަޅުގަނޑުމެންނަށް އިޒްރޭލު ބަލިކޮށް، އެތަނުގައި ފަލަސްތީނުގެ ގައުމެއް ގާއިމު ކުރުމުގައި ކުޑަ މިންވަރަކަށް އެހީތެރިވެވިދާނެ ކަމަކަށް ވެސް. އަޅުގަނޑުމެން މިބަލަނީ ފަލަސްތީނު މީހުންނަށް ނުވަތަ އިސްލާމުންނަށް އެންމެ ރަނގަޅު ގޮތެއް ޑިމޮކްރެޓިކް ދިވެހިރާއްޖެއަކަށް ހޯދައިދެވޭނީ ކިހިނެއްތޯ؟،" ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ، އިޒްރޭލާ ގުޅުން ގާއިމް ކުރި ނަމަވެސް އެ ގައުމުން ކުރާ ކޮންމެ ކަމަކާ ރާއްޖެއިން އެއްބަސްނުވާނެ ކަމަށެވެ. އަދި އދ. ގެ ގަރާރުތަކާ އެއްގޮތަށް އިޒްރޭލުން އަމަލު ކުރަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިޒުރޭލާ ގުޅުން ގާއިމު ކުރުމުން، އިޒްރޭލުގެ އެއްވެސް އަމަލަކަށް އަޅުގަނޑުމެން އެއްބަސްވަނީކީއެއް ނޫން. އދ. ގެ ސަލާމަތީ މަޖިލީހުގެ ހުރިހާ ގަރާރަކާ އިޒުރޭލު އެއްބަސްވާންޖެހޭނެ. އެއިން އެއްވެސް ކަމަކަށް އަޅުގަނޑުމެން އިޒްރޭލާ އެއްކޮޅަށް ވާހަކަ ދައްކައި ވަކާލާތުކޮށް ނުހަދާނެ. އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެން ދައްކާ ވާހަކައިގެ ބާރު ވެސް ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ފަލަސްތީނުގެ ޕްރައިމް މިނިސްޓަރު އަދި އިޒުރޭލުގެ ބޮޑުވަޒީރާ ވެސް ވާހަކަ ދައްކާނަން،" ނަޝީދު ވިދާޅުވި އެވެ.
ފަލަސްތީނުގެ ސަރުކާރުން ވެސް އިޒްރޭލު ގަބޫލު ކުރައްވާކަން ފާހަގަަ ކުރައްވަމުން ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ވިސްނުމާ އެމަނިކުފާނު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ފަލަސްތީނުގެ އާންމު ވިސްނުމާ އަޅުގަނޑުމެން އެއްބަސް. އެއްގޮތް. ފަލަސްތީނު އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެން އެކަން ނުކޮށް ކީއްކުރަންތޯ އުޅެންވީ. ފަލަސްތީން އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެންނަށް އެބަ އޮތްތޯ އިޒްރޭލު ގަބޫލުނުކޮށް އުޅުމުގެ މާބޮޑު ވިސްނުމެއް، ބުއްދިވެރިކަމެއް، ބޭނުމެއް. ނެތް،" ނަޝީދު ވިދާޅުވި އެވެ.
އިޒްރޭލާއެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށް ނަޝީދު އިއުލާނު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތާ ދެ ދުވަސް ފަހުން އޮކްޓޯބަރު 1، 2009 ގައި އެމަނިކުފާނު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޯނު ކޯލެއް ކުރެއްވި އެވެ.
އެ ފޯނު ކޯލުގެ ބައެއް ތަފުސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެއިރު އާންމުކޮށްފަ އެވެ. އެ ފޯނު ކޯލުގައި، އިޒްރޭލާއެކު ގުޅުން ގާއިމު ކުރި ނަމަވެސް ރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިހުންނާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.
"އަޅުގަނޑަކީ އަބަދުވެސް، އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް، ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެއް. އަދި އަޅުގަނޑުމެން އެދެނީ ފަލަސްތީނަށް މިނިވަން އަދި އަމާން ދައުލަތެއް،" މަހްމޫދު އައްބާސްއަށް ކުރެއްވި ފޯނު ކޯލުގައި ނަޝީދު ވިދާޅުވި އެވެ.
އެ ފޯނު ކޯލުގައި، ރާއްޖެއިން އިޒްރޭލަށް ހުށަހަޅަން ބޭނުންވާ އެއްވެސް ކަމެއް އޮތްތޯ ރައީސް ނަޝީދު، މަހްމޫދު އައްބާސް ގާތު އެއްސެވި އެވެ. އަދި ރާއްޖެއިން އިޒްރޭލަށް ދެ ކަމެއް ހުށަހެޅުމަށް މަހްމޫދު އައްބާސް އެދިވަޑައިގެންނެވި އެވެ.
ފަލަސްތީނުގެ ރައީސް އެދިވަޑައިގެންނެވީ، އެ ގައުމުގެ ބިންތަކުގައި އިޒްރޭލުން ގެދޮރު އަޅަމުންދާތީ އެ މައްސަލަ އާއި ފަލަސްތީނާއި އިޒްރޭލުގެ މަޝްވަރާތައް ހުއްޓިފައި އޮތުމުން އެކަމުގެ ވާހަކަ ދެއްކުމަށެވެ.
އެ ދެ ބޭފުޅުންގެ ފޯނު ކޯލު ނިންމާލެއްވުމުގެ ކުރިން، ނަޝީދު ފަލަސްތީނަށް ވަޑައިގެންނެވުމަށް މަހްމޫދު އައްބާސް ދައުވަތު ދެއްވި އެވެ. އަދި މަހްމޫދު އައްބާސް ރާއްޖެ ވަޑައިގަތުމަށް ނަޝީދު ވެސް ދައުވަތު ދެއްވި އެވެ.
އަލްޖީރިއާގެ އެމްބެސަޑަރާ ނަޝީދު ބައްދަލު ކުރައްވަނީ:
މަހްމޫދު އައްބާސްއާ ފޯނުން ގުޅުއްވުމުގެ ކުރިން ނަޝީދު ވަނީ ރައީސް އޮފީހުގައި، އެއިރު އަލްޖީރިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ނޫރެޑިން ބަރުދާދު-ދައިޒްއާ ބައްދަލު ކުރައްވައިފަ އެވެ. އެއީ އޭނާގެ ދައުރު ހަމަވެ، ފުރާވަޑައިގަންނަވާތީ ކުރެއްވި ބައްދަލުވުމެކެވެ.
އަލްޖީރިޔާ އާއި އިޒްރޭލަކީ ޒަމާނުއްސުރެ ދުޝްމަނު ދެ ގައުމެވެ. މީގެ ކުރިން 1950 ގެ އަހަރުތަކުގެ ތެރޭގައި، އިޒްރޭލުން ވަނީ އަލްޖީރިޔާގެ ދައުލަތް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އޭގެ ފަހުން 1962 ވަނަ އަހަރު އަލްޖީރިއާގެ ދައުލަތް އިޒްރޭލުން ބަލައިގެން ނަމަވެސް ދެ ގައުމުގެ ގުޅުން އޮތީ ގޯސްކޮށެވެ. އަދި އަލްޖީރިޔާއިން ގެންދިޔައީ ޔާސިރު އަރަފާތުގެ ޕަލެސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން ނުވަތަ ޕީއެލްއޯއަށް ތާއީދު ކުރަމުންނެވެ.
ރާއްޖެއިން އިޒްރޭލާ ގުޅުން ގާއިމް ކުރުމަށް ނިންމާފައިވާތީ، އަލްޖީރިޔާ ސަފީރުގެ ބައްދަލު ކުރެއްވުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އެ ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން އަލްޖީރިޔާގެ ސަފީރަށް ނަޝީދު އެރުވި އެވެ. އަދި އިޒްރޭލުގެ "ހުރިހާ އަމަލަކަށް" ރާއްޖެއިން ތާއީދު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވި އެވެ.
އިޒްރޭލާއެކު ގުޅުން ގާއިމް ކުރާނެ ކަމަށް ނަޝީދު އިއުލާނު ކުރެއްވުމަށްފަހު އެ ގައުމާއެކު އެއްބަސްވުންތަކެއްގައި ސަރުކާރުން ސޮއި ކުރި އެވެ. ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަން، ތައުލީމު އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ އެއްބަސްވުންތައް ހިމެނެ އެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކުރި ތާރީހު ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެ އެއްބަސްވުންތަކުގެ ބައެއް ތަފުސީލުތައް ފަހުން މީޑިއާތަކަށް ހާމަވެފައިވެ އެވެ. އެގޮތުން، އެ އެއްބަސްވުންތައް ކުރިއަށްގެންދިޔުމަށް ކެބިނެޓުގައި ނޮވެމްބަރު 24، 2009 ގައި މަޝްވަރާ ކުރިކަން ފަހުން ހާމަވި އެވެ.
ކެބިނެޓުގެ މަޝްވަރާތަކަށްފަހު، އެ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، އެއިރުގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު އެއިރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ޑިސެމްބަރު 20، 2009 ގައި ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގެ ކޮޕީއެއް ރާއްޖޭގައި ހިންގާ ނޫހަކަށް ލިބި، އެކަމުގެ ހަބަރު ލިޔެފައި އޮތެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އެއިރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާ ސުވާލު ކުރުމުން ވިދާޅުވީ، އެ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"ސޮޔަށް ފަހު މިކަން ތަންފީޒު ކުރުމަށް އިދާރީ ގޮތުން އެއްވެސް ކަމެއް ނުހިނގައި އެކަން އޮތް ގޮތަށް އޮތީ. އެކަން ކުރިޔަށް ގެންދާ ނަމަ ގެންދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު،" ޑިސެމްބަރު 19، 2010 ގައި ޒުހައިރު ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން، ތައުލީމީ ދާއިރާއިން ރާއްޖެއިން އިޒްރޭލާއެކު ސެޕްޓެމްބަރު 24، 2009 ގައި އެމެރިކާގެ ނިއު ޔޯކުގައި ސޮއި ކުރި އެގްރިމެންޓެއްގެ ތަފުސީލު ވެސް މީޑިއާތަކަށް ލީކުވި އެވެ. އެއީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު އިއުލާނު ކުރެއްވި ދުވަހެވެ.
ހޮލޮކޯސްޓާ ގުޅޭ ގޮތުން ރާއްޖޭގައި ކިޔަވައިދިނުމަށް އެ އެގްރިމެންޓުގައި ލިޔެފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި އިޒްރޭލާ ގުުޅޭ ގޮތުން، ރާއްޖޭގައި ކިޔަވައިދޭ ޓެކްސްޓު ފޮތްތަކުގައި ލިޔެފައިވާ އިބާރާތްތައް އިޒްރޭލުން ބޭނުންވާ ގޮތަކަށް ބަދަލު ކުރުން ހިމެނޭ ކަމަށް ވެސް ވެ އެވެ.
އެ އެއްބަސްވުމާ ގުޅޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން، އެ ތާރީހުގައި އިޒްރޭލާއެކު އެއްބަސްވުމެއްގައި އޭނާ ސޮއި ކުރެއްވި ކަމަށް ފޮރިން މިނިސްޓަރު ޑރ. ޝަހީދު އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު، އެއްބަސްވުމާ ގުޅޭ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
"އެ ތަސްދީގު ކޮށްގެން އަމަލުކުރާ ގޮތަށް އޮންނާނީ. ތިއީ ޕްރޮވިޝަނަލް ސޮޔެއް. އަޅުގަނޑުމެން ކެބިނެޓާ ހިއްސާ ކުރީމަ އެބޭފުޅުން ވިދާޅުވީ ބައެއް މާއްދާތަކާއެކު ތަސްދީގު ކުރައްވާށޭ. ދެން ތަސްދީގު ކުރެއްވި ކަމެއް ނޫން ކަމެއް އަޅުގަނޑަކަށް ނޭނގެ،" ޑިސެމްބަރު 17، 2010 ގައި ޝަހީދު ވިދާޅުވެފައިވެ އެވެ.
އެމެރިކާއިން އެކި ގައުމުތަކުގައި ގާއިމްކޮށްފައި ހުރި އެ ގައުމުގެ މިޝަންތަކުން މައި ސަރުކާރާދެމެދު ކުރަމުން އައި އަދި ކުރިން ކޮށްފައި ހުރި މުއާމަލާތްތައް ވިކިލީކްސްގެ ފަރާތުން އާންމު ކުރަން ފެށީ ނޮވެމްބަރު 28، 2010 ގަ އެވެ.
ވިކިލީކްސް އިން ލީކު ކުރި އެމެރިކާގެ ޑިޕްލޮމެޓިކް ކޭބަލްސް ނުވަތަ ޓެލެގްރާމްތަކުގެ ތެރޭގައި ރާއްޖެއާ ގުޅޭ ވަރަށް ގިނަ ކޭބަލްތައް ހިމެނެ އެވެ. އެ ކޭބަލްތަކުގެ ތެރޭގައި، ރާއްޖެއިން އިޒްރޭލާ ގުޅުން ގާއިމް ކުރުމާ ގުޅޭ ކޭބަލްތައް ވެސް ހިމެނެ އެވެ.
ޖެނުއަރީ، 2007: އެމެރިކާގެ އެމްބެސަޑަރު ޑރ. ޝަހީދާ ބައްދަލު ކުރެއްވުން
ވިކިލީކްސްގެ ކޭބަލްތަކަށް ބަލާއިރު، ރާއްޖެއިން އިޒްރޭލާ ގުޅުން ބަދަހި ކުރުމަށް އެމެރިކާއިން މާ ކުރިން ވެސް ބާރުއަޅަމުންދިޔަކަން އެނގެ އެވެ. އެގޮތުން، ސްރީ ލަންކާގެ ކޮލަމްބޯއިން އެމެރިކާގެ ވޮޝިންގްޓަނަށް ޖެނުއަރީ 22، 2007 ގައި ފޮނުވި ކޭބަލެއްގައި، އެމެރިކާއިން ރާއްޖެއަށް އެއިރު ކަނޑައަޅާފައި ހުރި އެމްބެސެޑަރު ރޮބާޓް ބްލޭކް ރާއްޖެ ވަޑައިގެން، އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވިކަން އެނގެ އެވެ.
އެ ކޭބަލުގައިވާ ގޮތުން ޖެނުއަރީ 16، 2007 ގައި ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. ޝަހީދާ ބައްދަލު ކުރައްވައި ބްލޭކް އެދިވަޑައިގަތީ، ރާއްޖެއިން އިޒްރޭލާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމުގެ ވިސްނުމުގައި، އިޒްރޭލުގެ ޑިޕްލޮމެޓިކް އޮފިޝަލުންނާއެކު މިވަގުތު ރާއްޖެއިން "ލޯ-ކީ" ގުޅުމެއް ބޭއްވުމަށެވެ.
ޑރ. ޝަހީދާއެކު އެ ވާހަކަތައް ދެއްކެވުމުގެ ކުރިން އިންޑިއާއަށް ކަނޑައަޅާފައި ހުރި އިޒްރޭލުގެ އެމްބެސެޑަރު ޑޭވިޑް ޑެނިއެލީއާ އޮތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ރާއްޖެއާ ގުޅުން ގާއިމް ކުރުމަށާއި މަޝްވަރާ ކުރަން ތައްޔާރަށް ހުރިކަން އިޒްރޭލުގެ އެމްބެސެޑަރު އޮތީ ވިދާޅުވެފަ އެވެ.
އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން އެމެރިކާގެ އެމްބެސަޑަރު ލަފާ ދެއްވުމުން، އެއީ ދިވެހިންނަށް ވަރަށް ހައްސާސް މައްސަލައަކަށް ވާނެ ކަމަށާއި މިއީ އެފަދަ ގުޅުމެއް ގާއިމް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ޝަހީދު ވިދާޅުވި ކަމަށް ކޭބަލުގައި ބުނެފައިވެ އެވެ.
އިޒްރޭލާ ގުޅުން ބަދަހި ކުރަން މަސައްކަތްކޮށްފި ނަމަ އެކަމަށް ކެބިނެޓުގެ ތެރެއިން ވެސް ދެކޮޅުހެދުންތައް ކުރިމަތިވާނެ ކަމަށާއި އޭގެ ބޭނުން ހިފައި، ސިޔާސީ ވާދަވެރިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ޝަހީދު ވިދާޅުވި ކަމަށް ކޭބަލުގައި ބުނެފައިވެ އެވެ.
ޝަހީދުގެ ހާލަތު ވިސްނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސަޑަރުން ދެން އެދިވަޑައިގަތީ އިންޑިއާގެ ދިއްލީގައި ނުވަތަ ތިން ވަނަ އެހެން ގައުމެއްގައި އިޒްރޭލުގެ އެމްބެސަޑަރު ޑެނިއެލީއާ ސިއްރިއްޔާތުގައި ޝަހީދު ބައްދަލު ކުރެއްވުމަށެވެ. އެކަމަށް ޝަހީދު ނޫނެކޭ ވިދާޅުނުވެ، ޖެހިގެން އަންނަ ފެބްރުއަރީ މަހު، އިންޑިއާއަށް ދަތުރެެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ. އެ ބައްދަލުވުން ނިންމާލެއްވުމުގެ ކުރިން އިޒްރޭލު އެމްބެސަޑަރުގެ ކޮންޓެކްޓް އިންފޮމޭޝަން އެމެރިކާގެ އެމްބެސަޑަރު ޝަހީދަށް ދެއްވި އެވެ.
ސެޕްޓެމްބަރު، 2009: މިނިސްޓަރު އަމީން ފައިސަލްގެ ބައްދަލުވުން އަދި މޮސާޑުގެ އެހީއަށް އެދުން
ސެޕްޓެމްބަރު 18، 2009، ގައި ރާއްޖޭގެ އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އެމެރިކާ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރަކާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި، އޭނާ އިޒްރޭލަށް ކުރަން ހަމަޖެހިފައި އޮތް ދަތުރާ ގުޅޭ ގޮތުން އަމީން ފައިސަލް ވާހަކަ ދެއްކެވި އެވެ.
ޕޮލިޓިކަލް އޮފިސަރާއެކު ބޭއްވި ބައްދަލުވުމުގައި، "ރާއްޖޭގެ އިންޓްރެސްޓަށް" އެންމެ ރަނގަޅު ގޮތަކީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުން ކަމަށް އަމީން ފައިސަލް ވިދާޅުވި އެވެ.
"ފަލަަސްތީނާއި މިސްރާއި އެހެން ގައުމުތަކުން ވެސް އިޒްރޭލާ ގުޅުން ބަދަހިކުރަންޏާ ރާއްޖެއަށް ވެސް އިޒްރޭލާއެކު ގުޅުން ބަދަހި ކުރެވޭނެ. ދީނީ ހަރުކަށި ފިކުރާމެދު އަހަރުމެން ދެ ގައުމުން ދެކޭ ގޮތް ވެސް އެއްގޮތް،" އަމީންއާ ހަވާލާދީ، އެމްބަސީގެ ޕޮލިޓިކަލް އޮފިސަރު، އެމެރިކާއަށް ފޮނުވި ކޭބަލެއްގައި ބުނެފައި އޮތެވެ.
އެ ބައްދަލުވުމުގައި، އިޒްރޭލުން އިންޑިއާއަށް ކަނޑައަޅާފައި ހުރި އެމްބެސަޑަރު ދާދިފަހުން މާލެއަށް ޒިޔާރަތް ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އެމްބެސަޑަރުގެ ބައްދަލުވުމުގައި އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ މޮސާޑުގެ އެހީއަށް އަމީން ފައިސަލް އެދިވަޑައިގަތެވެ. އަދި މޮސާޑާއި ރާއްޖެއާ ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރަން އަމީން ހުށަހެޅުއްވި އެވެ.
އޭގެ އިތުރުން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޝާހިދު ވެސް އެ ދުވަސްވަރު އިޒްރޭލަށް ޒިޔާރަތް ކުރި ކަމަށް އެ ކޭބަލުގައި އެމްބަސީގެ ޕޮލިޓިކަލް އޮފިސަރު ފާހަގަ ކުރި އެވެ. އޭނާ ފުރަތަމަ ދަތުރު ކުރީ ޖޯޑަންއަށް ކަމަށްވެ އެވެ. އިޒްރޭލަށް ދިޔުމުގެ މަގްސަދެއް ކަމަށް ބުނީ ޑިޒާސްޓާ މެނޭޖްމަންޓުގެ ކަންކަމުގައި އެހީތެރިކަން ހޯދުމެވެ. އެއިރު އޭނާ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ ވެސް މަގާމުގަ އެވެ. އެ ދަތުރުކޮށްފައި ވަނީ އޭޕްރީލް، 2011، ގަ އެވެ.
އެ ކޭބަލުގައި އެމެރިކާ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރު ބުނެފައި ވަނީ އަމީން ފައިސަލްގެ ދަތުރު ރާވާފައި ވަނީ އައްމާން އާއި ޖޯޑަންއަށް ކުރައްވާ ދަތުރެއްގެ ގޮތުގަ އެވެ. އެ ދަތުރުގެ ވާހަކަ އަދި އިޒްރޭލުން އިންޑިއާއަށް ކަނޑައަޅާފައި ހުރި އެމްބެސެޑަރު ރާއްޖެއަށް އައި ވާހަކަ ދިވެހި އެއްވެސް މީޑިއާއެއްގައި އެއިރު ދައްކާފައިނުވާ ކަމަށް ޕޮލިޓިކަލް އޮފިސަރު ފާހަގަ ކުރި އެވެ.
އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ސަރުކާރުން ކުރަމުންދިޔަ މަސައްކަތަކުގެ ބޮޑު ބައި ކުރިއަށްގެންދިޔައީ ފަރުދާގެ ފުރަގަހުގަ އެވެ. އެކަމަކު، އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެކަން އިއުލާނު ކުރައްވައި، އެކަމަކަށް ފާޅުގައި ބައެއް މަސައްކަތް ސަރުކާރުން ކުރި އެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި، ފޮރިން މިނިސްޓަރު މުހައްމަދު ނަސީމް އިޒްރޭލަށް ވަޑައިގަތުމާއި އޭގެ ކުރިން އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުން ހިމެނެ އެވެ. ޑޮކްޓަރުން ގެނައުމުގެ ކުރިން، އިމަޖެންސީ ހާލަތްތަކުގައި މަސައްކަތް ކުރާނެ ދިވެހިން ތަމްރީނު ކުރަން ކަމަށް ބުނެ ވެސް އިޒްރޭލުގެ ބަޔަކު ސަރުކާރުން ރާއްޖެ ގެނަ އެވެ.
އިމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ދިވެހިން ތަމްރީނު ކުރުމުގެ ނަމުގައި އިޒްރޭލުގެ ޓީމެއް ރާއްޖެ އައީ ޖެނުއަރީ 27، 2010، ގަ އެވެ. އައީ އިޒްރޭލުގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މަޝާވް) ގެ ޓީމެކެވެ.
ގާތްގަނޑަށް ދެ ހަފުތާ ވަންދެން އިޒްރޭލުގެ އެ ޓީމުން ރާއްޖޭގައި ހަރަކާތްތެރިވި އެވެ. ޖުމުލަ 18 ރަށަކަށް އެ ޓީމުން ޒިޔާރަތްކޮށް 35 ދިވެހިން ތަމްރީނު ކުރި ކަމަށްވެ އެވެ.
"އިމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާން އިޒްރޭލަކީ އެންމެ މޮޅު ގައުމު،" އެއިރު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޑިޒާސްޓާ މެނޭޖްމަންޓުގެ ވެރިޔާ ޝާހިދު ވިދާޅުވި އެވެ.
އޭގެ ފަހުން އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް ޑިސެމްބަރު 9، 2010، ގައި ސަރުކާރުން ރާއްޖެ ގެނަ އެވެ. ރާއްޖެ އައީ "އައި ފްރޮމް ޒަޔަން" ނަމަކަށް ކިޔާ ޖަމާއަތެއްގެ ބަޔެކެވެ. އެމީހުންނާއެކު އަނެއްކާ ވެސް ހަރަކާތްތެރިވީ މަޝާވްގެ ޓީމެކެވެ.
އިޒްރޭލުގެ ޑޮކްޓަރުންނާ ނަޝީދު ބައްދަލު ކުރައްވަނީ:
ލޮލުގެ ބަލިތަކަށް ފަރުވާ ދޭން ކަމަށް ބުނެ ރާއްޖެ ގެނައީ ހަތަރު ޑޮކްޓަރުން، ތިން ނަރުހުން އަދި ޓެކްނީޝަނެކެވެ. އެ ޑޮކްޓަރުން އައުމާމެދު އޮތް ޝަކުވާގެ ވާހަކަ އެހުމުން ޑިޒާސްޓާ މެނޭޖްމަންޓުގެ ޝާހިދު ވިދާޅުވީ އިޒްރޭލު ޑޮކްޓަރުން އައުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ޝަކުވާ އަޔަސް ފަރުވާ އަށް އެދިފައި ތިބި މީހުންގެ އަދަދު އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑުގެ ސުވާލަކީ އެ މީހުން މިތަނަށް އައިމަ ކޮބާތޯ މައްސަލައަކީ؟،" ޝާހިދު ވިދާޅުވި އެވެ.
ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި އޮއްވައި، އިޒްރޭލުން އައި ޑޮކްޓަރުންގެ ޓީމާއެކު ރައީސް ނަޝީދު ޑިސެމްބަރު 12، 2010، ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުވުމެއް ބޭއްވި އެވެ.
އެމީހުން ރާއްޖެ އައި މަސައްކަތް ފުރިހަމަ ކުރުމަށްފަހު އިޒްރޭލުގެ ޑޮކްޓަރުން ފުރީ ޑިސެމްބަރު 21، 2010، ގަ އެވެ. ޑޮކްޓަރުން ދިޔައީ މާލެ އަދި އައްޑޫގައި ހަރަކާތްތެރިވުމަށްފަހެވެ.
އޭގެ ފަހުން، ސެޕްޓެމްބަރު، 2011، ގައި ވެސް އިޒްރޭލުގެ ބަޔަކު ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ކުރި އެވެ. މިފަހަރު ގެންނަން އުޅުނީ ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ކިޔާ ކުންފުންޏެކެވެ. އެ ޓީމުން އުޅުނީ ހއ. ފިއްލަދޫއަށް ދަތުރެއް ކުރާށެވެ. އެކަމަކު، ފިއްލަދޫ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައި، އިޒްރޭލުގެ އެ ކުންފުނި ރަށަށް ނާރުވާނެ ކަމަށް ބުންޏެވެ.
"އެމީހުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަހަރެމެންގެ ފަލަސްތީނު އަހުންގެ ލޭބުއިން ހުއްޓާލުން. އަހަރެމެންގެ އަހުންގެ ލޭ ބޮމުން އަހަރެމެންނަށް ވެވޭނެ އެހީއެއް ނޯންނާނެ،" ފިއްލަދޫ ރައްޔިތަކު ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ރައްޔިތުންގެ ދެކޮޅުވެރިކަން އޮތްކަން ހާމަވުމުން އިޒްރޭލު ޓީމުގެ ދަތުރު ކެންސަލް ކުރިކަން ސެޕްޓެމްބަރު، 2011، ގައި ސަރުކާރުން ހާމަ ކުރި އެވެ. ދަތުރު ކެންސަލް ކުރިކަން އެނގުނީ، ފިއްލަދޫއަށް އިޒްރޭލުގެ ކުންފުނިން ދާން އޮތް ދުވަހު، އެ ރަށަށް ނުދިޔުމުންނެވެ.
ރާއްޖެއިން އިޒްރޭލާ ގުޅުން ބަދަހި ކުރާނެކަން ސަރުކާރުން އިއުލާނު ކުރި ފަހުން ދިވެހިން ދިޔައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އެކަމަކު، ދެކޮޅުވެރިކަން އަމަލީ ހަރާކަތްތަކުން ފެނުނީ އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެންނަން ސަރުކާރުން ނިންމުމުންނެވެ.
ސަރުކާރުގެ ނިންމުމަށްފަހު ވެރިކަން ކުރާ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބޭއްވި އެވެ. ޑޮކްޓަރުން ގެނައުމާ ދެކޮޅަށް އަދި އިޒްރޭލާ ގުޅުން ބަދަހި ކުރުމާ ދެކޮޅަށް ވަރަށް ގިނަ މީހުން މުޒާހަރާ ކުރި އެވެ.
އެއިން ބައެއް މުޒާހަރާތަކުގައި އިޒްރޭލުގެ ދިދަ އެންދުން ފަދަ ކަންކަން ކުރި އެވެ. މައިގަނޑު ގޮތެއްގައި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރީ، އިޒްރޭލުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށެވެ.
އިޒްރޭލުގެ ގުޅުމަށް ދެކޮޅު ހަދައި މާލޭގައި ކުރި މުޒާހަރާއެއް:
އެ މުޒާހަރާތަކުގައި މަދަނީ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ބައިވެރިވި އެވެ. ގާތްގަނޑަކަށް 127 ޖަމިއްޔާއަކުން، އިޒްރޭލުގެ ގުޅުމަށް ދެކޮޅު ހެދި އެވެ. އޭގެ ތެރެއިން އެއް ޖަމިއްޔާއަކީ ޖަމިއްޔަތުއް ސަލަފް އެެވެ.
"އަޅުގަނޑުމެންގެ ހަރަކާތްތައް ހުއްޓައެއް ނުލާނަން. މުޒާހަރާ އާއި އެއްވުންތައް ބާއްވައިގެން ވެސް [އިޒްރޭލާ ގުޅުން ނުބޭއްވުމަށް] ސަރުކާރަށް ޕްރެޝާކުރާނަން. އެ ހަރަކާތްތަކުގެ ތެރެއިން މަދަނީ ބަސް ނޭހުމަކަށް ވެސް ދާންޖެހިދާނެ،" އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު ޑިސެމްބަރު، 2010، ގައި ވިދާޅުވި އެވެ.
މުޒާހަރާ ކުރާ މީހުންގެ ބަސް އިވިއްޖެ ނަމަ ރައީސް އޮފީހުން އެއިރު ބުންޏެވެ. ނަމަވެސް އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ސަރުކާރުން ފެށި މަސައްކަތަށް ހުއްޓުމެއް ނުގެނަ އެވެ.
"އެއްވެސް ބަޔަކު ކަމަކާ މެދު އަޑު އުފުލާނަމަ ސަރުކާރަށް އެ އަޑު އިވޭނެ. އެ ބަޔަކު އެދޭ އެދުންތަކަށް ސަރުކާރުން ސަމާލުކަން ދޭނެ،" ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް ކުރި މަސައްކަތުގެ އެންމެ ބޮޑު އެއް މޭސްތިރިއަކީ ޑރ. ޝަހީދެވެ. އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ޝަހީދު ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އެކަމަކު، ނަޝީދުގެ ސަރުކާރަށް ލޯކަލް ޕޮލިޓިކްސްގައި ކުރިމަތިވި ގޮންޖެހުންތަކާއެކު މުޅި ކެބިނެޓް އިސްތިއުފާ ދެއްވި ދުވަސްވަރު، ޑރ. ޝަހީދު އިސްތިއުފާ ދެއްވި އެވެ.
ޝަހީދު އިސްތިއުފާ ދެއްވުމުން ފޮރިން މިނިސްޓަރުގެ މަގާމަށް ނަޝީދު އައްޔަން ކުރެއްވީ އަހުމަދު ނަސީމެވެ. އޭނާ އައްޔަން ކުރީ މާޗް 21، 2011، ގަ އެވެ. ފޮރިން މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަން ކުރިތާ ދޮޅު މަސްދުވަސް ފަހުން މެއި 16، 2011، ގައި އިޒްރޭލަށް ދަތުރެއް ކުރެއްވި އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު ނަސީމް:
ނަސީމުގެ ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އޭނާގެ ދަތުރުގައި އިޒްރޭލުގެ ރައީސް ޝިމޮން ޕެރޭޒް އަދި ފޮރިން މިނިސްޓަރު އަވިގްޑޯ ލީބާމަންއާ ވެސް ބައްދަލު ކުރެއްވި އެވެ. އޭގެ އިތުރުން، ހޮލޮކާސްޓުގައި މަރުވި ޔަހޫދީންގެ ހަނދާނުގައި ހަދާފައި ހުރި މެމޯރިއަލް ޔާދް ވަޝޭމް އަށް ޒިޔާރަތް ކުރައްވާ އެތަނުގައި މާބޮނޑިއެއް ބޭއްވި އެވެ.
ނަސީމުގެ އިޒްރޭލު ދަތުރުގެ ކުރިން އޭނާ ފަލަސްތީނަށް ޒިޔާރަތް ކުރެއްވި އެވެ. އެ ދަތުރުގައި އޭނާ ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ހޯދުމުގެ އެއްބަސްވުމެއްގައި ފަލަސްތީނާއެކު ސޮއި ކުރި އެވެ.
~~
ސަރުކާރެއް ވެރިކަމަށް އަންނަނީ ރައްޔިތުންގެ ތާއީދާއެކު ރައްޔިތުން ވިންދާ އެއްގޮތަށް ވެރިކަން ކުރުމަށެވެ. އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުންގެ އެއްވެސް ތާއީދެއް އެކަމަށް ނެތީސް، ރައްޔިތުންގެ ދެކޮޅުވެރިކަމާއެކު އެވެ.
އިޒްރޭލާ ގުޅުން ބަދަހި ކުރަން ދިވެހިން ދެކޮޅު ހެދުމުން ވެސް ސަރުކާރުން ފައި ވިއްދާފައި ހުރީ ގުޅުން ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާށެވެ. އެ މަސައްކަތް ހުއްޓުނީ ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގައި ފެބްރުއަރީ، 2012، ގައި ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ސިއްރު ބައްދަލުވުންތަކާއި ރޭވި ރޭވުންތައް: ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން ކުރި މަސައްކަތް ސިއްރު ބައްދަލުވުންތަކާއި ރޭވި ރޭވުންތައް: ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން ކުރި މަސައްކަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ