ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަން: ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށްފި

ސިފައިންނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހެންވޭރުގެ ގެއަކަށް ވަދެ ބަލައި ފާސްކޮށްފިއެވެ. ފުލުހުން ރޭ އެކްސްގައި ހިއްސާކުރި ބަޔާނެއްގައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިފައިންނާ ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ހިންގާކަން އިއުލާން ކޮށްފައެވެ. އެކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމަށް އެ ބަޔާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެގި ނަމަވެސް، އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފައެވެ. އެގޮތުން ރަސްމީ ފާލަން ކައިރިން ތަރުކާރީ ބަރުކޮށްގެން ދިޔަ ޕިކަޕެއް ހުއްޓުވައި، ޑްރައިވަރާ ސުވާލު ކުރި މަންޒަރު ފެނުނެވެ. އޭގެ ފަހުން ފުލުހުންނާއި ސިފައިން، އެޑްރެހުގެ ގޮތުގައި 'ހ. ނާގޫރުގެ' އަދި 'ނޫރުލްއައިން' ނަން ބޯޑު ޖަހައިފައިވާ ގެއަކަށް ވަދެ ބަލައި ފާސްކުރާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ފެނުނެވެ. އެ ގެ ތެރެއިން ބައެއް މީހުންނާ ވެސް ސުވާލު ކުރާ މަންޒަރު ވެސް ފެނުނެވެ. މީގެ އިތުރުން ހެންވޭރު ރާޅުގަނޑާ ދިމާލުން ވެސް ސިފައިންގެ ވޭނެއް ފެނިފައިވާއިރު، ބައެއް ސިފައިން ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ވަދެފައިވެއެވެ. ފުލުހުން ވަނީ، އެ އޮޕަރޭޝަން ކުރިއަށްދާ ވަރަކުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ