ހުއްދަ ނުނަގައި ކާބޯތަކެތި އިސްތިހާރު ކުރުން މުޅިން މަނާ ކުރުމަށްފަހު، އާންމުންގެ ވަރަށް ގިނަ ޝަކުވާ ގަވާއިދަށް އަމާޒުވުމުން، ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިރޭ ބުނެފި އެވެ.
އެމްއެފްޑީއޭއިން ފެބްރުއަރީ 20، ގައި ގެޒެޓު ކުރި ގަވާއިދުގައި ބުނެފައި އޮތީ "އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ" ކަމަށެވެ.
އެކަމަކު، އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރެސްޓޯރަންޓުތަކުގެ މެނޫ، ވަކި ކާބޯއެއްޗެެއް ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިސްތިހާރަށް ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށެވެ.
މިރޭގެ ނޫސްބަޔާނުގައި އެހެން ބުނި ނަމަވެސް ގަވާއިދުގައި އެފަދަ އެއްވެސް އިސްތިސްނާއެއް ހިމަނާފައެއް ނުވެ އެވެ.
ގަވާއިދުގައި ބުނާ ގޮތުން އިސްތިހާރު ކުރުމަށް ކޮންމެ އޯޑިއޯ ނުވަތަ ވީޑިއޯ އިޝްތިހާރަކަށް 1،500ރ. ނަގާނެ އެވެ. އަދި ވީޑިއޯ ނުވަތަ އޯޑިއޯ ނޫން އިޝްތިހާރުތަކަށް 1،000ރ. ނަގާނެ އެވެ.
ނަމަވެސް ފާސްކުރުމަށް ހުށަހަޅާ އިޝްތިހާރަކީ ކާބޮނޭޓަށް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް ނަމަ އެއީ، ކޮންމެ މީޑިއަމެއްގެ އިސްތިހާރެއް ކަމަށްވިޔަސް އެ އިޝްތިހާރުގެ ފީއަކީ 3،000ރ. ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދުގެ ދަށުން އަމަލުކުރަން އަންގާފައިވާ ގަވާއިދާ ހިލާފަށް އެއްވެސް ތަނަކުން ކޮށްފިނަމަ، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފުރަތަމަ ޖޫރިމަނާ ކުރަނީ 10،000ރ. އިންނެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާއިރު، ތިންވަނައަށް ކުށް ތަކުރާރު ކޮށްފިނަމަ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ބުނެފި އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ