ރާއްޖެއިން ފަލަސްތީނު މައްސަލައާ ގުޅިގެން ލިޔުމުން ބަޔާނެއް ހުށަހަޅައިފި ރާއްޖެއިން ފަލަސްތީނު މައްސަލައާ ގުޅިގެން ލިޔުމުން ބަޔާނެއް ހުށަހަޅައިފި

އިޒްރޭލުން ފަލަސްތީނުގެ ބިމަށް ވެރިވެ ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފި އެވެ.
ރާއްޖެއިން ހުށަހެޅި ބަޔާނުގައި އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިޒްރޭލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލި އެވެ.
އަދި އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިޒްރޭލުން އެ ޖަމިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވެސް ބަޔާނުގައި އަލިއެޅުވި އެވެ.
އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަކީ އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން ލަފަޔަކަށް އެދި ހުށަހެޅުމުން މިދިޔަ ޑިސެމްބަރު 19، ގައި އދ ގެ އާންމު މަޖިލީހުގެ ގަރާރަކުން ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
ރާއްޖެއިން އަންނަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ހިންގަމުންދާ އަމަލުތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަށް މައިދާނުތަކުގައި ވަކާލާތުކުރަމުންނެވެ. އެގޮތުން ރާއްޖެއިން ހުށަހަޅާ ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ