ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުން އަޑުއެހުންތައް މިއަދު ނިންމާލައި, ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ  ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ މިދިޔަ މަހު އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާ ބަންދުން ދޫކޮށްލި ނިންމުން ބާތިލްކޮށް ދިނުމަށެވެ. ނަމަވެސް ލަމްހާގެ ވަކީލުން އެދުނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމުމަށެވެ. 
ދައުލަތުން ބުނީ ގިނަ އަދަދެއްގެ ހެކިން ތިބުމާއި ކޯޓުގެ އިމާރާތުގެ ދަތިކަން ހުރިގޮތުން މައްސަލަ ލަސްވުމަކީ ލަމްހާގެ އެއީ ބަންދުން ދޫކުރަންޖެހޭ ހާލަތެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދޫކުރާނަމަ އެންމެން ވެސް ބަންދުން ދޫކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޝަރުތުތަކާ އެކު ތިން މަހަށް ލަމްހާ ދޫކޮށްލަން ނިންމިއިރު، އެއީ ކޮން ގޮތަކުން ކަނޑައެޅި މުއްދަތެއް ކަން ސާފެއް ނުވެ އެވެ. 
ލަމްހާގެ ވަކީލުން ވިދާޅުވީ މައްސަލަ ނުނިިމި ލަސްވުމަކީ އޭގެ ޒާތުގައި ބަންދުން ދޫކުރެވޭނެ ކަމަކަށް ނުވިޔަސް، ބަންދުން ދޫކުރުމުގައި އެކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. 
ވަކީލުން ވިދާޅުވީ ލަމްހާއަކީ މުޖްތަމައަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުންޏަސް، އެ ފުރުސަތު ކުޑަކުރަން ދަށު ކޯޓުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ
މައްސަލަ ލަސްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ މައްސަލަ ލަސްވެފައިވާ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. 
ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތަކަށްފަހު  ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ