ފަލަސްތީނުގެ ޣައްޒާއިން ކަރަންޓު ޖެނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވާން ކައިރިވުމާ ގުޅިގެން، ހާލުދެރަ ބަލި މީހުންނަށް ފަރުވާދީ ފުރާނަ ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ދަތިތަކާ ކުރިމަތިވާނެތީ، ހޮސްޕިޓަލުތަކުގައި ހާސްކަންބޮޑުވެއްޖެއެވެ.
އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެ، ޣައްޒާގެ ކަރަންޓު ޖެނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ ނުދީ ހިފެހެއްޓުމުގެ ސަބަބުން، ފަލަސްތީނުގެ އެ ސަރަހައްދުގެ ހަމައެކަނި އިންޖީނުގޭގެ މަސައްކަތް ބުދަ ދުވަހުވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަދި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތަކުން ބޭނުންކުރާ ބެކަޕް ޖެނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވާން ކައިރިވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ތެޔޮ ހުސްވެއްޖެނަމަ، ހޮސްޕިޓަލުތަކުން ކަރަންޓު ކެނޑި، މެޝިންތަކުގެ މަސައްކަތް ހުއްޓި، ބަލިމީހުންނަށް ފަރުވާ ނުދެވިދާނެއެވެ. މިއާއެކު އެތައް ބައެއްގެ ފުރާނަ ހިނގައިދާނެއެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
ހޯމަ ދުވަހުގެ ރޭ އިސްރާއީލުން ވަނީ ޣަައްޒާގެ ރައްޔިތުންނަށް ފެނާއި ކާބޯތަކެއްޗާއި ތެލާއި ކަރަންޓު ނުދޭން ނިންމިކަން އިއުލާންކޮށްފައެވެ.
ޣައްޒާއަކީ ގާތްގަނޑަކަށް ދެމިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
ހަމާސްއިން ޣައްޒާގެ މައްޗަށް ވެރިކަން ކުރަން ފެށުމުން، އިސްރާއީލުން 2007ވަނަ އަހަރުން ފެށިގެން އޮންނަނީ ޣައްޒާ، އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ބަންދުކޮށްފައެވެ.
އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ކަރަންޓާއި، ބޯފެނާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ތައުލީމު އުނގެނުމާއި، ޟަރޫރީ އެހެން ބޭނުންތައްވެސް ނުފުދި، ދެމިލިއަން މީހުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައެވެ.
ކިތަންމެ އިމަޖެންސީއެއް ވިޔަސް، ޣައްޒާގެ ރައްޔިތަކަށް ޣައްޒާއިން ބޭރަށް، ފަލަސްތީނުގެ އެހެން ރަށަކަށް ނުވަތަ މިސްރަށްވެސް ދެވެނީ ވިސާއަށް އެޕްލައިކުރާ އުސޫލުން އެޕްލައިކޮށް، އިސްރާއީލުން ހުއްދަދިން ދުވަހަކުންނެވެ.
ޣައްޒާގެ އެއްފަޅި ކަނޑުގެ އައްސޭރިއަށް ވާގޮތަށް އޮންނައިރު، ޣައްޒާގެ މަސްވެރިޔަކު މަހެއް ބާނަން ވިޔަސް، ވަކި ހިސާބަކަށްވުރެ ދުރަށް ނުކުމެއްޖެނަމަ ބަޑިޖަހައި މަރާލައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ޣައްޒާ ސިފަކުރައްވާފައިވަނީ، ޣައްޒާއަކީ "ދުނިޔެމަތީގެ އެންމެބޮޑު ޖަލު"ގެ ގޮތުގައެވެ.
ކަރަންޓު ކެނޑެނީ، ޣައްޒާގެ ހޮސްޕިޓަލުތަކުން އިތުރު ހާސްކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ