މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގާޒާއިން ކަރަންޓު ކެނޑިދާނެ!

މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގާޒާއިން ކަރަންޓު ކެނޑިދާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.
ފަލަސްތީނުގެ ކަމާގުޅޭ އިދާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ގާޒާގެ އިންޖީނުގެ ހިންގަން ތެޔޮ ބާކީ ހުރީ 10 ވަރަކަށް ގަޑިއިރަށް ވާވަރަށެވެ. އަދި އެއަށްފަހު މުޅި ގާޒާއިން ކަރަންޓު ކެނޑޭނެ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ފަލަސްތީނުގެ ހެލްތު މިނިސްޓަރު މައި އަލް ކައިލާ ވިދާޅުވީ އެމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލުތައް އޮޕަރޭޓުކުރާ ޖެނަރޭޓަރުތަކަށް ބޭނުންކުރާ ތެޔޮ މާދަމާގެ ވަގުތެއްގައި ހުސްވާނެ ކަމަށެވެ.
ކަރަންޓު ކެނޑުމާއެކު އެ ސަރަހައްދުގެ ހަބަރުތައް ބޭރަށް ފޮނުވުމަށް ހުރަހަކަށް ވެގެންދާނެއެވެ. އެކަމާ ގުޅިގެން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުުކުރަމުންދާ އިރު، މިއީ އިންސާނީ ކާރިސާއެއް ކަމަށް ފަލަސްތީނުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ.
ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ކުރިއަށް އޮތް 12 ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އދ. އިން ވެސް ވަނީ ބުނެފައެވެ. ހާލުގައި ޖެހިފައިވާ 200،000 އަށްވުރެ ގިނަ މިހުންގެ ތެރެއިން 180،000 އެއްހާ މީހުން ރައްކާތެރިކަން ހޯދައިގެން ތިބީ އދ. އިން ހިންގާ ސްކޫލުތަކުގައެވެ.
އަދި ހަމަލާތަކުގެ ސަބަބުން އެ ތަންތަނުގައި މުއާސަލާތީ ހިދުމަތްވެސް ކެނޑިފައިވާ ކަމަށާއި މަގުތައްވެސް ބަންދުވެފައިވާ ކަމަށް ބުންޏެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާޒާއިން މަރުވި މީހުންގެ އަދަދު 1،055 އަށް ވަނީ އަރައިފައެވެ. އަދި 5،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ