އިސްލާހީ މަސައްކަތުގައި މައުމޫން ހިންގަވާފައި އުޅުއްވަންޖެހޭ ހިސާބަށް ވެސް ދާނެ: ނާދިރާ
ވެރިކަން ކުރާ ޕީޕީއެމް ރިފޯމް ކުރުމަށްޓަކައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތުގައި، އެމަނިކުފާނު ހިންގަވާފައި އުޅުއްވަން ޖެހޭ ހިސާބަށްވެސް ދާނެ ކަމަށް ބެލެވޭ ކަމަށް އެ ޕާޓީގެ މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުލަތުން ފޯރުކޮށްދެމުން އައި ސެކިއުރިޓީގައި ހިމެނޭ ބެކްއަޕް ކާރު، މިރެއަށް ފަހު ނޯންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިރޭ ވަނީ ރައީސް މައުމޫންގެ ސެކިއުރިޓީންނަށް އަންގައިފައެވެ. ރައީސް މައުމޫންގެ ސެކިއުރިޓީގެ ގޮތުގައި ހަމަޖައްސައިދީފައި އޮންނަނީ އެމަނިކުފާނު ދަތުރުކުރެއްވުމަށް ކާރަކާއި، ބެކްއަޕް ކާރެއްގެ އިތުރުން ފަސް ހަށިފާރަވެރިންނެވެ. ރައީސް މައުމޫންގެ ސެކިއުރިޓީ ބަލަހައްޓަވާ، އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސޮފްވާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫންގެ ސެކިއުރިޓީ ފްލީޓުގައި އޮންނަ ބެކްއަޕް ކާރު މިރެއިން ފެށިގެން ދެން ނޯންނާނެކަމަށް އެމްއެންޑީއެފްއިން އޭނާއަށް އަންގައިފި ކަމަށެވެ. 27 ސެޕްޓެމްބަރު 2016: ޕީޕީއެމްގެ އަހަރީ ދުވަހުގެ ޖަލްސާ ނުބޭއްވުމުން މައުމޫން ބޭއްވި ޕްރެސް ކޮންފަރެސްގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ "ސަން" އަށް މިރޭ ވިދާޅުވީ، ރައީސް މައުމޫންގެ ސެކިއުރިޓީ ފްލީޓުގެ ބެކްއަޕް ކާރު ކަނޑާލައި، އެމަނިކުފާނުގެ ސެކިއުރިޓީ ދަށް ކުރީ ކުރިން އެންގުމަކާ ނުލައި ކަމަށެވެ. ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ އިތުރު ސެކިއުރިޓީ އިނާޔަތެއް ކަނޑާލާނެކަން އަންގާފައި ނުވާ ކަމަށާއި، "ސަރުކާރަށް ފެންނަ އިރަކުން އެހެން ސެކިއުރިޓީތައް ވެސް ކަނޑަމުން ގެންދާނެ" ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް އިސްލާހު ކުރުމަށްޓަކައި ރައީސް މައުމޫން ފަށާފައިވާ މަސައްކަތުގައި އެމަނިކުފާނު އުޅުއްވާ އިރު، ހިންގަވާފައި އުޅުއްވާ ހިސާބަށް ވެސް ކަންކަން ދާނެ ކަމަށެވެ. "ހިންގަވާފައި އުޅުއްވަންޖެހޭ ހިސާބަށް ވެސް ކަންކަން ދާނެ. އިސްލާހީ މަސައްކަތުގައި އުޅުއްވާ އިރު މިކަހަލަ އުނދަގޫތަކާ ކުރިމަތިވާނެ،" ނާދިރާ ވިދާޅުވިއެވެ. ަރައީސް މައުމޫންގެ ސެކިއުރިޓީ ބަލަހައްޓަވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސޮފްވާން މިރޭ "ސަން" އަށް ވިދާޅުވީ، ބެކްއަޕް ކާރަކީ ހާއްސަކޮށް ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވާ މިފަދަ ދުވަސްތަކެއްގައި ވަރަށް މުހިންމު ކާރެއް ކަމަށެވެ. ރައީސް މައުމޫންގެ ހަށިފާރަވެރިންގެ ގޮތުގައި އުޅުއްވާ އެމްއެންޑީއެފްގެ ބޭކަލުން އެމަނިކުފާނާ އެކު ދަތުރުކުރައްވަނީ ބެކްއަޕް ކާރުގައެވެ. ސޮފްވާން ވިދާޅުވީ، އެ ނިންމުމާއެކު މިރޭން ފެށިގެން މައުމޫންގެ ސެކިއުރިޓީން ދަތުރުކުރާނީ އަމިއްލަ ސައިކަލުގައި ކަމަށެވެ. ދައުލަތުން ރައީސް މައުމޫނަށް ދޭ ސެކިއުރިޓީ ދަށްކޮށްފައި މިވަނީ، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ޚިޔާލު ތަފާތުވެ، ޕާޓީ ދެފަޅިވެފައިވާ ދަނޑިވަޅެއްގައެވެ. ޕީޕީއެމްގައި ރައީސް މައުމޫނަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަނެއް އޮންނަ އިރު، ދެ ފެކްޝަނުގައި ވެސް ވަކި ދެ ކައުންސިލެއް އޮވެއެވެ. ދެ ފެކްޝަނުން ވެސް ދައުވާކުރަނީ "އަސްލު ޕީޕީއެމް" އަކީ އެ ފެކްޝަނެއް ކަމަށެވެ. މީގެ އިތުރުން ރައީސް މައުމޫން ވަނީ އެމަނިކުފާނު ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައި، ޖުމްހޫރީ ޕާޓީއާ އެކު އިސްލާހީ މަސައްކަތްތައް ކުރުމަށް ނިންމައިފައެވެ. ނޮވެމްބަރ 1، 2016: ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތް ކަމަށްވާ ހ. ތެމާގެ އެތެރެ މިއަދު ނޫސްވެރިންނަށް ދައްކާލުން: ރައީސް މައުމޫނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން އޮފީސް ތެރޭގެ ފާރުތަކުގައި އެކި އިބާރާތުން ލިޔުންތައް ވަނީ ލިޔެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީންގެ ފެކްޝަނުން ހ. ތެމާގައި ހުންނަ ޕީޕީއެމް އޮފީހަށް ވަދެ އެތަނުގައި ހުރި މުދާތައް ގެންގޮސް އެތަނުގައި ތަޅެއް އެޅުވިފަހުން ރައީސް މައުމޫންގެ ފެކްޝަނުން އެ އިމާރާތް ހުޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. ނޫސްވެރިންގެ ހާޒިރުގައި ގޭގެ ވެރިފަރާތުން ހުއްދަ ހޯދައިގެން ވަނީ އެ އިމާރާތަށް ވަންނަ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެފައެވެ. އެންމެ ފުރަތަމަ އެތަނަށް ވަނުމުގެ ފުރުސަތު ދިނީ ނޫސްވެރިންނަށެވެ. ނޫސްވެރިން އެ އިމާރާތުގެ އެކި ތަންތަން ބެލިއިރު، ފާރުތަކުގައި ރައީސް މައުމޫނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ތަފާތު ލިޔުންތަކެއް ވަނީ ލިޔެފައެވެ. ރައީސް މައުމޫނަށް ގޮންޖައްސަވައި އެތަނުގެ ފާރެއްގައި ލިޔެފައި ވަނީ "މައުމޫނު އަތުން ދެން އޮންނާނީ ޕާޓީ އަތުލާފައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ